މަތިންދާ ބޯޓެއްގައި ދަތުރުކުރި އަންހެނަކު ދަތުރުމަތީގައި ބޭނުން ކުރަމުންދިޔަ ހެޑް ފޯނެއް ގޮވައި އޭނާގެ މޫނާއި އަތް ފިހި އެކިވަރުގެ ޒަހަމްތައް ވެއްޖެ އެވެ. މިއަދު ހެނދުނު މިހާދިސާ ހިނގީ ޗައިނާގެ ބީޖިންގް އިން އޮސްޓްރޭލިއާގެ މެލްބަން އަށް ދަތުރުކުރި ބޯޓެއްގައެވެ. ހާދިސާ އައީ ދަތުރު ފެށިތާ ދެ ގަޑިއިރު ފަހުންނެވެ.
އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯގެ އޮފިޝަލަކާ ހަވާލާދީ ބީބީސިން ބުނީ ހެޑްފޯނު ގޮވި އިރު އަންހެން މީހާ އޮތީ ހެޑްފޯނުން ލަވަ އަޑު އަހަން ކަމަށާއި ލަވަޔާއެކު ނިދިފައި އޮއްވާ ކުއްލިއަކަށް ހޭލެވުނީ އެއްޗެއް ގޮވިއަޑަށް ކަމަށެވެ. އަދި އޭނާ އަށް ހޭލެވުމާއެކު ހެޑްފޯނު އެއްލާލެވުނު އިރު ހެޑްފޯނުގައި އަލިފާން ރޯވެ ވިރެމުން ދިޔަ ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވި ގޮތުގައި ހެޑް ފޯނު ގޮވައިފައި ވަނީ އޭގައި ހިމަނާފައިވާ ލިތިއަމް ބެޓެރީ ހޫނުވުމުގެ ސަބަބުންނެވެ. އެއީ ކޮން ބްރޭންޑެއްގެ ހެޑްފޯނެއް ކަމެއް ނުބުނެ އެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލައި އަންހެން މީހާ ސަލާމަތްކުރީ ބޯޓުގެ ފަޅުވެރިންގެ އެހީއާއެކު ފެންޖަހައިގެނެވެ. އަލިފާން ނިއްވާލެވުނުއިރު ހެޑްފޯނުގެ ބެޓެރި އާއި ޕްލާސްޓިކް ކަވަރު ވިރި، އޮތީ ބޯޓުގެ ޑެކުގައި ތަތްލާފަ އެވެ.
ލިތިއަމް ބެޓެރިއަކީ އާންމުކޮށް ގިނަ ސްމާޓް ފޯން ތަކާއި އެހެނިހެން އާންމު ޑިވައިސް ތަކުގައި ބޭނުންކުރާ ވައްތަރުގެ ބެޓެރިއެވެ. އަދި ފަހަކަށް އައިސް މިފަދަ ބެޓެރި މާ ބޮޑަށް ހޫނުވެ ގޮވުމުގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ސެމްސަންގު ނޯޓް 7 ގެ ބެޓެރިއަށް ދިމާވި ގޮވުމުގެ މައްސަލައާ ގުޅިގެން އެ ފޯނުތައް މަތިންދާ ބޯޓްތަކަށް އެރުވުން މަނާ ކުރި އެވެ.