މޫސުން

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ވިއްސާރަ ކުރާނެ

Mar 15, 2017

ރާއްޖެއަށް މޫސުން ގޯސްވެ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

އެ އިދާރާއިން މިގޮތަށް މޫސުން ލަފާ ކޮށްފައިވާއިރު ދެކުނުގެ ބައެއް އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތީ ލ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓްގެ އިންޒާރު އާންމުކޮށްފަ އެވެ. އެއީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

މޫސުން ގޯސްވެފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 13 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާ 13 މޭލުގެ ބާރުމިނުގައި ވައިޖެހޭނެެ އެވެ.

މުސޫމާ ގުޅުން ހުރި އިދާރާތަކުން ބުނެފައި ވަނީ މޫސުމަށް ބަލައިގެ ދަތުރުތައް ކުރުމަށާއި ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރަށް އެރުމަށެވެ.

ބައެއް އިރުޝާދު

- ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
- ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން
- ގަދަ ވައިގެ ސަބަބުން ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން
- ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވަލާފައި ބެހެއްޓުން