ހަބަރު

ފްލޫ ޖެހިގެން އަންހެނަކު މަރުވެއްޖެ

މިހާރު ހަލުވި ކަމާއެކު ރާއްޖެގައި ފެތުރެމުންދާ އެޗް1އެން1 ޖެހިގެން އަންހެނަކު މަރުވެއްޖެ އެވެ. އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަންހެނެކެވެ. މިކަމާ ބެހޭގޮތުން އައިޖީއެމްއެޗުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. މި އަންހެން މީހާއާއެކު މި ރޯގާޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު ދޭކަށް އެރީ އެވެ.

މީގެ ކުރިން މަރުވެފައި ވަނީ ސްވައިން ފްލޫ ޖެހުނު 26 އަހަރުގެ ޒުވާނެކެވެ. ރާއްޖޭގައި ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 82 އަށް އަރާފަ އެވެ. އަދި 279 މީހުން ވަނީ މި ބައްޔަށް ޓެސްޓު ކޮށްފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަންގާރާ ދުވަހާ ހަމަޔަށް އައިޖީއެމްއެޗްއިން 473 ވަނީ ސްވައިން ފްލޫއަށް ޓެސްޓުކޮށްފަ އެވެ. އަދި އޭޑީކޭއިން 118 މީހުން ޓެސްޓުކޮށްފައިވާ އިރު ހުޅުމާލެ ހޮސްޕޮޓަލުން 162 މީހުން އަދި ވިލިމާލެ ހޮސްޕިޓަލުން 145 މީހުން ވަނީ ސްވައިން ފްލޫއަށް ޓެސްޓުކޮށްފަ އެވެ. އަދި އަތޮޅުތަކު ތެރެއިން 1416 މީހުން ސްވައިން ފްލޫއަށް ޓެސްޓުކޮށްފައިވާ އިރު އެންމެ ގިނައިން ޓެސްޓުކޮށްފައި ވަނީ ރ. އަތޮޅުންނެވެ.

ސްވައިން ފްލޫއަށް ފަރުވާ ދިނުމަށް މާލޭގެ ފްލޫ ކްލިނިކްތަކުން އަންނަނީ ގިނަ ބަޔަކަށް ފަރުވާދެމުންނެވެ. އަދި އަތޮޅުތަކު ތެރޭގައި ވެސް އެ ބައްޔަށް ވަރަށް ފަރުވާދިނުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.