ހަބަރު

ސްވައިން ފްލޫ ފެތުރޭތީ މަޖިލީހަށް މައްސަލައެއް

ހަލުވިކަމާއެކު އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ފެތުރެމުންދާތީ، ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ. މައްސަލަ ހުށަހަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

މެންބަރު ރިޔާޒު، ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ސްވައިން ފްލޫ ފެތުރެމުންދާތީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯ ބައްލަވައި ދިނުމަށެވެ.

ކުރީގެ ސީޕީ ރިޔާޒް މިފަދަ މައްސަލައެއް ކޮމެޓީއަށް ހުށަހަޅާފައިވާއިރު ސަރުކާރުން ވަނީ މިކަން ވަރަށް ކައިރިން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފަ އެވެ.

ހުމާއި ރޯގާ މާލޭގައި އިތުރުވެފައިވާތީ ތިން ތަނެއްގައި ފްލޫ ކްލިނިކް ހުޅުވައި ވަނީ ހިދުމަތް ދޭން ފަށާފަ އެވެ. އެއީ ތަޖުއްދީން ސްކޫލާއި އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. ފްލޫ ކްލިނިކަށް ދާ މީހުން އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ މިހާތަނަށް 51 މީހެއް ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާއިރު ގިނަ ކޭސްތަކަކީ މި މަހުގެ ތެރޭގައި ފެނިފައިވާ ކޭސްތަކެކެވެ. ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހަކަށް މިހާރު ވެސް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އަލާމަތްތައް ހުރި އަންހެނަކު ވެސް ހާލު ދެރަވެގެން ވަނީ ސިޒޭރިއަން ހަދައި ފަސް މަހުގައި އޭނާގެ ދަރިފުޅު ނަގާފަ އެވެ.