ހަބަރު

ސްވައިން ފުލޫގެ އިތުރު ކޭސްތައް ވަނީ ފެނިފައި

އިތުރު މީހުންގެ ގައިން ވެސް ސްވައިން ފްލޫ ފެނިއްޖެ އެވެ. ނަމަވެސް އެއީ ކިތައް ކޭސް ކަމެއް އަދި ސާފެއް ނުވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި ސްވައިން ފްލޫގެ އަލާމަތްތައް ފެނިގެން 251 މީހެއް ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 51 މީހެކެވެ. އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވީ މި މަހުގެ ތެރޭގަ އެވެ.

އެޗްޕީއޭއިން އިތުރު ތަފާސް ހިސާބެއް އާންމު ނުކުރާތާ ދެ ދުވަސް ވާން ދާއިރު، އެޗްޕީއޭއިން މިއަދު ބުނީ ވަރަށް އަވަހަށް ތަފާސް ހިސާބުތައް އާންމު ކުރާނެ ކަމަށެވެ.

އާ ކޭސްތަކެއް ވެސް ފެނިފައިވާކަން މިއަދު އޭޑީކޭގެ ޑރ. އަބްދުﷲ ނިޔާފް ވެސް ވަނީ ވިދާޅުވެފަ އެވެ. ހެތްލް މިނިސްޓަރު އަބްދުﷲ ނާޒިމްއާއެކު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ޑރ. ނިޔާފް ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި މި ދުވަސްވަރު ކޮންމެ ދުވަހަކު ވެސް ފެންނަ ކޭސްތައް އިތުރުވަމުންދާ ކަމަށާއި ނަމަވެސް ދުރު ނޫން ހިސާބެއްގައި ކޭސްތައް ފެންނަ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ކޮންމެ އައުޓްބްރޭކެއްގެ ވެސް ފުރަތަމަ ކޮޅު ކޭސް ލޯޑް ދާނީ މައްޗަށް، ދެން އެއް ލެވެއްލެއްގައި ހިފެޓިފައި ދަށަށް ދާނީ، ކޮންމެ އައުޓްބްރޭކެއްގައި ވެސް ވާނެ ކަމަށް ލަފާކުރެވޭ ގޮތަށް ދިއުން އެންމެ ގާތީ މި ރާއްޖޭގަ ވެސް،" ނިޔާފް ވިދާޅުވި އެވެ.

ޔާފް ވިދާޅުވީ، މިހާރު ޓެސްޓްކުރެވޭ މީހުން ވެސް އިތުރުވެފައިވާ ކަމަށާއި އެހެންކަމުން ޕޮޒިޓިވްވާ މީހުން ވެސް އިތުރުވާނެ ކަމަށެވެ.

"މިހާރު ޓެސްޓް ކުރަން މި ބޭނުން ކުރަނީ ހާއްސަކޮށް ފްލޫއަށް ޝައްކުކުރެވޭ ކޮންޕްލިކޭޝަން ހުންނަ މީހުން ކަމުން ޓެސްޓްކުރާ މީހުންގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވެސް އިތުރުވާނެ،" ނިޔާފް ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ، އޭޑީކޭ ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނީ އެންމެ މީހަކަށް ކަމަށެވެ. އެމީހާއަށް މިހާރު ވެސް ހޮސްޕިޓަލްގައި ވެސް ފަރުވާދެމުންދާ ކަމަށެވެ.

އެޗް1އެން1އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލު ބޮޑުވެ މާބަނޑު އަންހެނަކަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންނެވެ. ޕޮޒިޓިވްވި ޒުވާނަކު މަރުވެފައިވެސްވެ އެވެ. އަދި އެ ބައްޔަށް ޝައްކުކުރެވޭ މާބަނޑު އަންހެނަކަށް ވެސް ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ވަރަށް ދެރަ އެވެ.