ސްވައިން ފްލޫ

ފުލޫ ފެތުރޭތީ ބައެއް އޮފީސްތަކުގެ މާބަނޑު މީހުނަށް ޗުއްޓީ ދީފި

މިދުވަސްވަރު އެޗް1 އެން1 ފެތުރެމުންދާތީ ބައެއް އޮފީސްތަކުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި އެވެ.

ރޯގާއާ ގުޅިގެން މާބަނޑު މީހުންނަށް ޗުއްޓީ ދީން ބައެއް އޮފީސްތަކުގެ ތެރޭގައި ގައުމީ ޔުނިވާސިޓީ އާއި އިލެކްޝަން ކޮމިޝަނާއި އަދި އޮޑިޓާ ޖެނެރަލްގެ އޮފީސް ހިމެނެ އެވެ. އެ އޮފީސްތަކުން ބުނީ މާބަނޑު މީހުންނަށް ޗުއްޓީ ދޭން ނިންމީ އެޗް1 އެން1 މާބަނޑު މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވުވާތީ އެޗްޕީއޭ އިން ވެސް އެގޮތަށް ލަފާދިނުމުން ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ބުނީ އެތަނުގައި މަސައްކަތް ކުރާ މާބަނޑު މީހުން މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ޗުއްޓީ ދީފައިވާ ކަމަށެވެ. މި ޗުއްޓީއަކީ އެފަރާތްތަކުގެ ރަސްމީ ޗުއްޓީން ކެނޑޭގޮތަށް ދިން ޗުއްޓީއެއް ނޫނެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ މެނޭޖާ ޓެކްނިކަލް މުހައްމަދު ނަސީމް މިއަދު ވިދާޅުވީ އެ އޮފީހުގައި މިވަގުތު ތިބި މާބަނޑު މީހުނަށް މިއަދުން ފެށިގެން ޗުއްޓީ ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސުވައިން ފުލޫ ކޮންޓްރޯލް ވަންދެން އެ ފަރާތްތަކަށް ގޭގައި މަޑުކުރެވޭނެ ކަމަށާއި އަދި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އޮޑިޓް އޮފީހުގައި ވެސް މި ދުވަސްތައް ޗުއްޓީން ނުކެނޑޭއިރު މުސާރަ އާއި އިނާޔާތްތައްވެސް ދޭނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެ އިދާރާގައި މަސައްކަތް ކުރާ މާބަނޑު މީހުނަށް ޗުއްޓީ ދީފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް ކަމަށެވެ. އެ މުއްދަތު އިތުރު ކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.

މާބަނޑު މީހުނަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުގައި އިންފްލުއެންޒާއަށް ވެކްސިން ޖެހުމުގެ ހިދުމަތްވެސް ވަނީ ފަށާފަ އެވެ. އެ ވެކްސިން އާސަންދައިން ކަވާއެެއް ނުކުރެ އެވެ. ވެކްސިންގެ އަގަކީ 130 ރުފިޔާ އެވެ.

މިހާތަނަށް 82 މީހުން ރާއްޖޭގައި ސުވައިން ފުލޫއަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި މާބަނޑު ދެ މީހުންވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެކަކުގެ ސިޒޭރިއަން ހަދާ ދަރިފުޅު ވަނީ ނަގާފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ދެމީހަކު ވަނީ މަރުވެފަ އެވެ.