ސްވައިން ފްލޫ

ސަރުކާރުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް ވެސް ޗުއްޓީ

އެޗް1 އެން1 ފެތުރެމުން ދާތީ ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މާބަނޑު މީހުންނަށްވެސް ޗުއްޓީ ދީފި އެެވެ. މާބަނޑު މީހުންނަށް ޗުއްޓީ ދޭން ނިންމީ އެޗް1 އެން1 މާބަނޑު މީހުންނަށް ޖެހުމުގެ ފުރުސަތު އޮތުމުންނެވެ.

އެ މުވައްޒަފުންނަށް ޗުއްޓީ ދީފައިވަނީ މުސާރަ އާ އިނާޔަތާއެކުގަ އެވެ. އަދި މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭ މުއްދަތު ފަހުން އަންގާނެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މާބަނޑު މުވައްޒަފުން މާބަނޑުކަން އަންގައިދޭ ލިޔުން މަސައްކަތް ކުރާ އިދާރާއަކަށް ހުށަހެޅުމުން ޗުއްޓީ ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި ގޭގައި ހުރެގެން ކުރެވޭ މަސައްކަތްތައް ކުރުމަށާއި އޮފީހަށް ކޮންމެހެން ނުކުންނަށް ޖެހިއްޖެ ހާލަތެއްގައި މަސައްކަތަށް ނުކުތުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.

ސްވައިން ފްލޫ ފެތުރޭތީ ގައުމީ ޔުނިވާސިޓީގައި މިވަގުތު ތިބި މާބަނޑު މީހުންނަށްވެސް ޗުއްޓީ ދީފަ އެވެ.

މާބަނޑު މީހުނަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުގައި އިންފްލުއެންޒާއަށް ވެކްސިން ޖެހުމުގެ ހިދުމަތްވެސް ވަނީ ފަށާފަ އެވެ. އެ ވެކްސިން އާސަންދައިން ކަވާއެެއް ނުކުރެ އެވެ. ވެކްސިންގެ އަގަކީ 130 ރުފިޔާ އެވެ.

މިހާތަނަށް 82 މީހުން ރާއްޖޭގައި ސުވައިން ފުލޫއަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި މާބަނޑު ދެ މީހުންވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެކަކުގެ ސިޒޭރިއަން ހަދާ ދަރިފުޅު ވަނީ ނަގާފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ދެމީހަކު ވަނީ މަރުވެފަ އެވެ.