ހަބަރު

ފެނަކައިގެ ފަސް އަހަރުގެ ޕްލޭން ހަދަން އިންޑިއާ ކުންފުންޏަކަށް

ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ފަސް އަހަރު ދުވަހުގެ ބިޒްނަސް ޕްލޭން އެކުލަވައިލަން އިންޑިޔާގެ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ޑިލޮއިޓްއާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއަށް ފެނަކައިގެ ބަޖެޓުން 53168 ޑޮލަރު (ގާތްގަނޑަކަށް 819850.56 ރުފިޔާ) ހަރަދުކުރާނެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ، މި މަސައްކަތް ނިންމަންޖެހެނީ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު ދުވަހު ފެނަކަ ކޯޕަރޭޝަން ހިންގާނެ ގޮތާއި، ކުންފުނީގެ މިސްރާބު ކަނޑަ އެޅިގެންދާނެ. އަދި މި ޕްލޭނުގައި ކުންފުނީގެ ހިންގުން ހަރުދަނާވެ ހިދުމަތްތައް ރަނގަޅު ކުރުމަށް ލަނޑުދަނޑިތަކެއް އެކަށައެޅޭނެ،" ޝަރީފު ވިދާޅުވި އެވެ.

އިންޑިޔާގެ ޑިލޮއިޓް ކުންފުންޏަކީ އޭޑީބީން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދެ ކުންފުނީގެ އިސްވެރިންނެވެ.