ރާއްޖެ ކުޅިވަރު

ރެޑްބުލް ވިނިން ފައިވްގެ ޗެމްޕިއަންކަން އެލްޕީ ސްޕޯޓްސް ހޯދައިފި

Dec 13, 2014
2

ރެޑްބުލް އިން އިންތިޒާމްކޮށްގެން ބޭއްވި "ފައިވް އަ ސައިޑް" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެލްޕީ ސްޕޯޓްސް މިއަދު ހޯދައިފި އެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލްގައި ޓީނޭޖް ޖޫނިއާސް އަތުން މިދިޔަ އަހަރުގެ ރަނަރަޕް އެލްޕީ މޮޅުވީ 2-0 އިންނެވެ. މާލޭ ކޮލިފައިން ބުރުގެ ފައިނަލްގައި އެލްޕީ އަތުން މޮޅުވި ޓީނޭޖް ކޮޅަށް މެޗުގެ ކުރީކޮޅު އެލްޕީގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް ސުހެއިލް އެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް އެލްޕީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު، އެލްޕީ އަށް ވަނީ އޮސްޓްރިއާ އަށް ގޮސް، އެ ގައުމުގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ރެޑްބުލް ސަލްޒްބާގް މެޗެއް ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ. ރެޑްބުލް ސަލްޒްބާގަކީ އޮސްޓްރިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.  މި ސީޒަންގެ ޔޫރޮޕާ ލީގުގައި ރެޑްބުލް ސަލްޒްބާގް ވާދަކުރެ އެވެ.

މެޗަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ އެލްޕީގެ ޓީމަށް ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމެޓީޣެ އޮނަނަރީ ޕްރެޒިޑެންޓް ޒާހިރު ނަސީރެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެލްޕީ އިން ހޯދިއިރު، މެޗެއްގެ ފުރިހަމަ ވަގުތުގެ ތެރޭގައި އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އެވެ. މާލޭ ކޮލިފައން ބުރުގެ ފައިނަލްގައި ހުކުރު ދުވަހު ޓީނޭޖް ޖޫނިއާސް އަތުން ވެސް އެލްޕީ ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ.

"މި މުބާރާތަށް ވަކިން ތައްޔާރެއް ނުވަން،" ފައިނަލް މެޗަށް ފަހު އެލްޕީގެ ކެޕްޓަން އިންމި ބުންޏެވެ. "ހަމަ އެއް ހިސާބެއްގައި އަބަދުވެސް އެއްކޮށް ކުޅޭ ބައެއް މި ޓީމުގައި މި ހިމެނީ. އެހެންވީމަ ކޮމްބިނޭޝަންނާއި ޓީމު ވޯކް ވަރަށް ރަނގަޅުވާނެ. އެހެންވެ ކަންނޭނގެ މި މުބާރާތް މި ކާމިޔާބުކުރެވުނީވެސް."

އިންމި ބުނީ ރެޑްބުލްގެ ސަލްޒްބާގްގެ ދަނޑަށް ޒިޔާރަތްކޮށް، އެ ޓީމުގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި މި ފުރުސަތު ހޯދަން އެ ޓީމުން ވަރަށް ބޭނުންވި ކަމަށެވެ.

"ހަމަ އެކަނި ކުޅެލާކަށް ނޫން ބައިވެރިވީ. ހަމަ މި ފުރުސަތު ހޯދަން ބޭނުންވެގެން، އެ އަމާޒު ހާސިލްކުރަން ބައިވެރިވީ،" ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕްގައި އެސްޓީއޯގެ ޓީމުން ފާހަގަވެ، ފަހުން ނިއު ރޭޑިއަންޓާއި ބީޖީން ވެސް ފެނުނު އިންމި ބުންޏެވެ. "މިއީ ވަރަށް ރަނގަޅު ފުރުސަތެއް."

މިދިޔަ އަހަރު މި މުބާރާތް ހަމައެކަނި މާލޭގައި ބޭއްވި ނަމަވެސް، މި އަހަރު މި މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް، މާލޭގެ އިތުރުން މި މުބާރާތުގެ ކޮލިފައިން ބުރުތައްއައްޑޫ ސިޓީ އާއި ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކުގައި ވަނީ ބާއްވައިފި އެވެ. މިއަދު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރީ ކޮންމެ ސަރަހަދެއްގެ ކޮލިފައިން ބުރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ.

އެލްޕީ ފައިނަލުން ޖާގަ ހޯދީ ފައިނަލް ބުރުގެ ކުއާޓާ ފައިނަލްގެ ޏ. ފުވައްމުލަކުގެ ހައިވް ފައިވް ބަލިކޮށް، ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އައްޑޫ ސިޓީީޣެ ފްރެންޑްސް ކްލަބް ބަލިކޮށްގެނެވެ.

މި އަހަރުގެ ރެޑްބުލް ވިނިން ފައިވް މުބާރާތުގައި ޖުމްލަ 150 ޓީމު ވާދަކުރި އެވެ. ޖުމްލަ 750 ކުޅުންތެރިންގެ ކުޅުން މި މުބާރާތުގައި ފެނިގެން ގޮސްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި އެންމެ ގިނަ ޓީމު ބައިވެރިވީ މާލޭ ކޮލިފައިން ބުރުގަ އެވެ. މާލޭގެ ކޮލިފައިން ބުރުގައި 84 ޓީމު ބައިވެރިވި އެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތް ދެ ދުވަހަށް ކުރިއަށް ދިޔަ ނަމަވެސް، ކޮލިފައިން ބުރުތަކާ އެކު މި އަހަރުގެ މުބާރާތް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ދިގު ދެމިގެންދިޔަ އެވެ. މިދިޔަ އަހަރުގެ ކާމިޔާބު މުބާރާތާއެކު، މި އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު ގިނަވެ، ޒުވާނުންގެ މެދުގައި މި މުބާރާތުގެ މަގްބޫލުކަން ވަނީ ބޮޑުވެފަ އެވެ.

ފައިވް އޮން ފައިވް މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން ފައިވްގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.