ދުނިޔެ

އައިއެމްއެފްގެ އޮފީހަށް އައި ޕާރިސަލެއް ގޮވައި މީހަކު ޒަހަމްވެއްޖެ

Mar 17, 2017

ފްރާންސްގެ ވެރިރަށް ޕެރިހުގައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް)ގެ އޮފީހަށް ލިބުނު ޕާރުސަލެއްގައި އޮތް އެއްޗެއް ގޮވުމުގެ ސަަބަބުން އެތަނުގެ މުވައްޒަފަކު ޒަހަމްވެއްޖެއެވެ.

ޕެރިހުގެ ފުލުހުންގެ ވެރިޔާ މިޝޭލް ކެޑޮޓްއާ ހަވާލާދީ އަލްޖަޒީރާ ބުނީ އައިއެމްއެފްގެ އޮފީހަށް ލިބުނު ޕާރުސަލް ގޮވީ އެ ޕާރުސަލް ކެނޑުމުން ކަމަށާއި އޭގައި އޮތީ ހަވާ އަރުވަން ބޭނުން ކުރާ ޒާތުގެ އެއްޗެއް ނުވަތަ ބޮޑު އަލިނަރެއް ކަމަށް ބެލެވޭ ކަމަށެވެ. އެ އެއްޗަކީ ގެއެއްގައި ބަޔަކު އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ކަަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެއީ ބޮމެއް ނޫން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޕެރިހުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނަތާޝާ ބަޓްލާއާ ހަވާލާދީ އެ އެޖެންސީން ބުނީ ޕޯސްޓުން އައިއެމްއެފް ގެ އޮފީހަށް އައި އެ ޕާރުސަލް އެޑްރެސްކޮށްފައި ވަނީ އެއިދާރާގެ ޔޫރަޕް ބިއުރޯގެ ވެރިޔާ ޖެފްރީ ފްރޭންކްސް އަށް ކަމަށެވެ. އަދި އެ ޕާރުސަލް ކެނޑީ ބިއުރޯގެ ވެރިޔާގެ އެހީތެރިޔާ ކަމަށް އެކަމާ ބެހޭ ގޮތުން ފްރާންސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުވި ނަމަވެސް އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ހާދިސާ ހިނގުމާއި އެކު އައިއެމްއެފްގެ އޮފީހުގައި ތިބި މީހުން ވަނީ އެހެން އިމާރާތަކަށް ބަދަލުކޮށްފައެވެ. އަދި ފެރިހުގެ ފުލުހުން އަންނަނީ އެހާދިސާ ތަހުގީގުކުރަމުންނެވެ. އެހާދިސާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނޫފުލައެވެ.

އައިއެމްއެފްގެ ވެރިޔާ ކްރިސްޓިން ލަގާޑް ވިދާޅުވެފައި ވަނީ އެ ފިނޑި އަމަލު ކުރައްވާ ކަމަށާއި އައިއެމްއެފް އިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.