ލައިފްސްޓައިލް

މެންދުރު ގެ ކެއުމަށްފަހު ކުޅި ފިލުވާލަމާ

ހުކުރު ދުވަހުގެ ކެއުން، ފޮނި ކާއެއްޗަކާ ނުލާ ނިންމާލުމަކީ ވަރަށް އުދަގޫ ކަމެކެވެ. މެންދުރުގެ ކެއުން ނިންމާލުމުގެ ގޮތުން އިންސާފުކޮށްލާނެ "ޑެޒާޓް" އެއް ކޮންމެހެން ވެސް ހުންނަން ޖެހޭނެ އެވެ. ވަރަށް ފަސޭހަ ކަމާއެކު، ވަރަށް ކުޑަ ވަގުތު ކޮޅަކުން ތައްޔާރު ކޮށްލެވޭ ކަހަލަ ފޮނި ކާއެއްޗެއް މިއަދު ތައްޔާރު ކޮށްލަމާ ހިނގާށެވެ! މިއީ އަވަނަކާ ނުލާ ތައްޔާރު ކޮށްލެވޭ ކޭކެކޭ ވެސް ބުނެވިދާނެ އެވެ.

ފުރަތަމަ މިތަކެތި ހޯދާލާ!

1 ބޮނޑި މާރީ ބިސްކޯދު
1/2 ޖޯޑު ކޮކޯ ޕައުޑާ
1 ޖޯޑު ހަކުރު
1 ޖޯޑު ފެން
2/3 ޖޯޑު ބަޓާ
100 ގުރާމް ކަޖޫނަޓް
1 ސައި ސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑް ވިޕިން ކްރީމް
120 ގުރާމް ކުކިން ޗޮކްލެޓް

ދެން ހިނގާ ބަދިގެއަށް!

އެންމެ ފުރަތަމަ ކަޖޫނަޓްކޮޅު ހަނާ ކޮށްލާށެވެ. ދެން ކަޖޫނަޓް ކޮޅު އެއްފަރާތެއްގައި ބަހައްޓާފައި ޗޮކްލެޓް ސިރަޕް ހަދަން ތައްޔާރު ކޮށްލާށެވެ. ތެއްޔެއްގެ ތެރެއަށް ހަކުރާ ކޮކޯ ޕައުޑާ އަޅާ، މަޑު މަޑުން ފެންފޮދު އަޅާށެވެ. ފެންފޮޑު އަޅަމުންދާއިރު، ރަގަޅަށް އެއްކުރަމުން ދާށެވެ. ދެން ބަޓަރު އަޅާ، އުނދުންމައްޗަށް އުދާށެވެ. ކެކިގަންނަންދެން އުނދުންމަތީ ކައްކާލާށެވެ. އެއަށްފަހު ހިހޫވަން ބަހައްޓާފައި ތައްޓެއްގެ ތެރެއަށް ބިސްކޯދް ފަޅިކޮށްފައި އަޅާށެވެ. އަދި ހަނާކުރި މަދު ކޮޅު އަޅާ، ޗޮކްލެޓް ސިރަޕް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު، ޓްރޭއަށް އަޅުމަށްފަހު، ފްރިޖްއަށް ލާށެވެ. މިހިސާބުން ފުރަތަމަ ބައި މި ނިމުނީ އެވެ.

ދެން، ކޭކުގެ މައްޗަށް އަޅާ ކްރީމް ތައްޔާރު ކުރަން ހިނގާށެވެ. ފުރަތަމަ، ވިޕިން ކްރީމް ކޮޅު ކައްކާލާށެވެ. ދެން، ޗޮކްލެޓްކޮޅު އަޅާލުމަށްފަހު އެއްކޮށްލާށެވެ. އަދި ކުރިން ރައްޔާރު ކުރި ބިސްކޯދު ކޭކުގެ މައްޗަށް އަޅާލާށެވެ.

އޭރުން "ނޯ ބޭކް ބިސްކިޓް ކޭކް" ތައްޔާރުކޮށް ލެވުނީ އެވެ.