ދުނިޔެ

އެމެރިކާއިން ސޫރިޔާގެ މިސްކިތަކަށް ބޮން އަޅައި 49 މީހުން މަރާލައިފި

Mar 18, 2017
1

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ސޫރިޔާގެ މިސްކިތަކަށް ބޮން އަޅައި 49 މީހުން މަރާލައިފިއެވެ.

ސޫރިޔާގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް ( ސޮހްރް) އިން ބުނީ ހަަލަބްގެ ދެކުނުގައިވާ އަލް ޖިނާހް ނަމަކަށް ކިޔާ އަވަށުގައިވާ މިސްކިތަކަށް އެމެރިކާގެ މަތިންދާ ބޯޓްތަކުން ބުރާސްފަތި ދުވަހު ބޮން އެޅުމުން މަރުވި ގިނަމީހުންނަކީ އާއްމުން ކަމަށެވެ. އަދި ބުނީ އެހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި ޒަހަމްވީ ބައެއްމީހުންގެ ހާލަތު ނާޒުކު ކަމުން، މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަަމަށެވެ.

އެމެރިކާ ސިފައިންގެ ބޯޓްތަކުން މިސްކިތަށް ބޮން އެޅީ އެތަނުގައި ދަރުސެއް ކުރިއަށް ދިޔަ ވަގުތު ކަމަށާއި އަސްކަރީ އެއްވެސް ހަރަކާތެއް އެސަަރަހައްދުގައި އޭރު ނުހިނގާ ކަމަށް ވެސް އެ ސޮހްރް ޖަމާއަތުން ބުންޏެވެ.

ނަމަވެސް އެމެރިކާ ސަރުކާރުން ބުނެފައި ވަނީ މިސްކިތަކަށް ބޮން ނާޅާ ކަމަށާއި ބޮން އެޅީ އަލްގައިދާ ހަނގުރާމަވެރިން ތިބި އިމާރާތަކަށް ކަަމަށެވެ. އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންގެ ތަރުޖަމާނު ކެޕްޓަން ޖެފް ޑޭވިސް އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އޭނާ ބުނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަލްގައިދާގެ އިސް މީހުން ތަކެއް ހިމެނޭ ކަމަށެވެ. އަދި އެހަމަލާތަކުގައި އާއްމުން މަރުވިކަމުގެ އިތުބާރު ހުރި މައުލޫމާތެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ މިސްކިތް ހުރީ ހަމަލާ ދިން އިމާރާތް ހުރި މަގުގެ އަނެއް ފަރާތުގައި ކަމަށް ބުނެ، އެ މިސްކިތް ސަލާމަތުން ހުރިތަން ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ވެސް އޭނާ ވަނީ އާއްމުކޮށްފައެވެ. ނަމަވެސް ސޮހްރް އިން ބުނީ އެ ދެ އިމާރާތަކީ ވެސް މިސްކިތުގެ ދެ އިމާރާތް ކަމަށެވެ.

އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ދެކޮޅަށް އުފައްދާފައިވާ ބައިނަލް އަގުވާމީ އިއްތިހާދުގައި ނަގާ ކިޔަނީ އެމެރިކާއިންނެވެ. އެ އިއްތިހާދުން މިސްކިތް ތަކަށާއި އާއްމުން ދިރިއުޅޭ ތަންތަނަށް ބޮން އަޅަމުންދާ ކަމަށް ސޫރިޔާގެ އެކި ޖަމާއަތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.