ހަބަރު

ރާއްޖެއިން ޓީބީ ނައްތާލުމަށް މަސައްކަތްތަކެއް ފަށަނީ

ރާއްޖެއިން ޓީބީ ނައްތަލުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭރުގެ ކަމާ ގުޅޭ ބޭފުޅުންނާ އެކު ހެލްތް މިނިސްޓްރީ އިން ބައްދަލުވުންތަކެއް މިއަދު ފަށައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަން ހެލްތް މިނިސްޓްރީ އިން ނިންމާފައި ވަނީ، ޓީބީއަށް ދެކޮޅަށް މަސައްކަތް ކުރާ ބައިބަލްއަގުވާމީ ޖަމްއިއްޔާ، "ސްޓޮޕް ޓީބީ" އާއި އެބަލިން ދިފާއުވުމަށް ކުރާ ހަރަދުތަކަށް ފަންޑް ކުރާ ދުނިޔޭގެ ޖަމްއިއްޔާއެއް ކަމަށްވާ، "ގްލޯބަލް ފަންޑް ޓް ފައިޓް އެއިޑްސް، ޓީބީ، މެލޭރިޔާ"ގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޮފިޝަލުންނާ އެކު އެވެ.

ހެލްތް މިނިސްޓްރީ އިން ބުނި ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތަކީ، ރާއްޖެ އިން ޓީބީ ނައްތާލުމާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޓީބީ ޕްރޮގްރާމް ރިވިޔު ކުރުމާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ޓީބީ ފެތުރޭ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރާނެ ގޮތްތަކެއް ރޭވުމާ ގުޅޭ ގޮތުންނެވެ. މި ޓީމުން ރާއްޖޭގައި މަސައްކަތް ކުރާ ބައެއް މަދަނީ ޖަމްއިއްޔާތަކާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކާ އެކުވެސް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީ އިން ބުންޏެވެ.

"ސްޓޮޕް ޓީބީ ޕާޓްނާޝިޕް" ގެ ފަރާތުން މިމަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ، އެތަނުގެ އެގްޒެކެޓިވް ޑިރެކްޓާ ޑރ. މެޗިކް ޑިޓުއި އެވެ. އަދި ގްލޯބަލް ފަންޑްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ، އެތަނުގެ އެގްޒެކެޓިވް ޑިރެކްޓާ ޑރ. މާކް ޑައިބުލް އެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގެ ދަށުން، ސަރުކާރުން މި ފަހުން ވަނީ، ހިމަބިއްސާއި ރުބެއްލާއަށް ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށައިފަ އެވެ. ރާއްޖެއަކީ ފައިލޭރިޔާ ނައްތާލެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅައި އެކަމުގެ ލިޔުން މިދިޔަ އަހަރު ރާއްޖެއަށް ވަނީ ލިބިފަ އެވެ.