އެތައް ކަމެއް ބަދަލުވަމުން ގޮސް ދަރިން ތަރުބިއްޔަތު ކުރާ ގޮތަށްވެސް މިވަނީ އެތައް ބަދަލެއް އައިސްފަ އެވެ. އިހު ޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރި ގޮތް މިއަދުގެ ޖީލަށް ކަމުދާ ގޮތަކަށް ނުވެ އެވެ. އޭރުގެ ކުދިންގެ ވިސްނުމާއި މިހާރުގެ ކުދިންގެ ވިސްނުންވެސް އިންތިހާއަށް ތަފާތު ކަމަށް ގިނަ މައިންބަފައިން ބުނެ އެވެ.
ކޮންމެ ބަދަލެއް އައި ނަމަވެސް ކޮންމެ ގޮތަކަށް ކުދިން ގެންގުޅުނު ނަމަވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ކުރިން ކުދިން މަގުމަތީގައި ކުޅެން އުޅެގެން ބޮޑުވި ނަމަވެސް މިއަދު ގިނަ ކުދިން ބޮޑުވަނީ ބަންދުވެފައިވާ އެޕާޓްމަންޓެއް ނުވަތަ ކޮޓަރިއެއްގެ ތެރޭގަ އެވެ.
ތަޖުރިބާކާރުން ބުނަނީ އެންމެ ރަނގަޅު ތަރުބިއްޔަތެއް ދޭން ބޭނުންނަމަ ފުރަތަމަ ކަމަކަށް ކުއްޖާއަށް ދޮގު ނުހެދުމަށެވެ. ކުއްޖާ ކަމެއް ކުރަން ބޭނުން ނުވުން ނުވަތަ ނުކުރުމުން ދޮގު ހަދައިގެން އެކަމެއް ކުއްޖާ ލައްވާ ކުރުވަން ނޫޅޭށެވެ. އޭގެ ބަދަލުގައި އޭނައަށް ވިސްނައި ދޭށެވެ. މިސާލަކަށް ބަލިވުމުން ބޭސް ކާން ބޭނުން ނުވެދާނެ އެވެ. ހޮސްޕިޓަލަށް ދާން ބޭނުން ނުވެދާނެ އެވެ. ކުއްޖާ ބޭސް ނުބޯން އުޅޭނަމަ ބޭހަކީ މީރު އެއްޗެއްކޭ ބުނެ ދޮގު ނުހަދާށެވެ. ނުވަތަ ހޮސްޕިޓަލަށް ގޮސް އިންޖެކްޝަނެއް ޖެހުމުން ތަދެއް ނުވާނޭ ފަދަ ކުދި ކުދި ދޮގު ވެސް ނުހަދާށެވެ. އެފަދަ ކަންކަމުން ކުދިން ނަގައިގަންނާނެ އެވެ. ކުއްޖާގެ ރޯލް މޮޑެލް އަކީ މައިންބަފައިން ކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ އެވެ.
ދެވަނަ ކަމަކަށް ކުއްޖާ ބޭނުން ހުރިހާ ކަމެއް ކޮށްދޭކަށް ނުޖެހެ އެވެ. ބޭނުން ހުރިހާ ކަމެއް ނުވާނެ ކަން އަބަދުވެސް އޭނައަށް ވިސްނައިދޭން ޖެހޭނެ އެވެ. ބޭނުންވާހާ ކަމެއް ނުކޮށް ދިނުމަކީ ލޯބި ނުވުމެއް ނޫނެވެ. އެކަން ކުއްޖާއަށް ވިސްނައިދޭން ޖެހޭނެ އެވެ. އެހެން ނޫނީ ކުއްޖާއަށް ބޮޑުވަމުން އަންނައިރު ގަބޫލު ކުރެވޭނީ އޭނަ ބޭނުން ހުރިހާ އެއްޗެއް ލިބެން ޖެހޭނެ އެވެ. އަދި ބޭނުން ހުރިހާ ކަމެއް ކުރެވެން ޖެހޭނެ އެވެ. އެހެން އެކަން ނުވާނެ އެވެ. ގޭތެރޭގެ މާހައުލުގައި އެކަން ވަންޏާ ބޭރު ތެރެއިން ވެސް އެކަންކަމަށް ކުއްޖާ އެދޭނެ އެވެ. އެހެން ވީމަ އެންމެ ކުޑައިރުން ފެށިގެން އެކަން ކުއްޖާއަށް ވިސްނައިދޭން ޖެހޭނެ އެވެ.
ނަމަނަމަ އަޅާ ނުކިޔާށެވެ. ކުއްޖާ ގޯސް މަގުންދާ އެއް ސަބަބަކަށް އެކަންވާނެ އެވެ. އެހެން އެއްވެސް ކުއްޖަކާ އަޅާ ނުކިޔާށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ހުނަރުވެސް ތަފާތުވާނެ އެވެ. އެކަން މައިންބަފައިން ގަބޫލު ކުރަން ޖެހެ އެވެ. ހުރިހާ ކުދިންނަށް މޮޅަށް ނުކިޔެވޭނެ އެވެ. އޭގެ މާނައަކީ އޭނައަށް އެހެން ކަމެއް ނުކުރެވޭނެ އެކޭ ނޫނެވެ. މިއީ ގިނަ މައިންބަފައިންނަށް ބައެއް ފަހަރު ގަބޫލުކުރަން އުނދަގޫވާ ކަމެކެވެ. ތިން ދަރިން ތިބި ނަމަ އެއް ކުއްޖަކަށް ރަނގަޅަށް ނުކިޔެވޭ ނަމަ އޭނަ ލޭބަލް ވަނީ ނުކިޔަވާ ބަސް ނާހާ ކުއްޖެއް ގޮތުގަ އެވެ. އެހެން ކުދިންނާ އޭނަ އާ އަޅާ ކިޔެ އެވެ. މައިންބަފައިން މިކަމާ ވިސްނަން ޖެހެ އެެވެ. އަދި ކުއްޖާއަށް އަބަދުވެސް ހިތްވަރު ދޭން ޖެހޭނެ އެވެ. އޭނާ އަށް ލިބުނު ކާމީޔާބީ ފާހަގަކޮށް ނާކާމިޔާބުވާ ފަހަރު އަބަދުވެސް އެންމ ކައިރީގައި ހުންނަ ބަޔަކަށް މައިންބަފައިން ވާން ވާނެ އެވެ.