ވާހަކަ

މުޅިޖާންހިތާ

(16 މާރިޗު 2017 އާ ގުޅޭ)

ކާމޭޒު ދޮށުގައި ނިޔާނު އިށީނުމުން އައިރާ ކަބަޑުތައް ބަލަންފެށިއެވެ. ކެއްކުމަކީ އޭނާއަށް އާ ކަމެއްނޫނެވެ. ދެމަފިރިން ބަދިގޭގައި އުޅެނިކޮށް އެތަނަށް ރުބީނާ އައެވެ. އޭނާއަށް އައިރާ ފެނުމުން ތުންފިއްތާލިއެވެ.

"އައިރާ އެ އުޅެނީ ކައްކަންވެގެން.... މަންމައަށް ފަސޭހަވާނެއެއްނު" ނިޔާނު އަވަސްއަވަހަށް ބުނެލިއެވެ.

"އަހަރެން އަމިއްލަ ކާއެތިކޮޅު ރޯފިލުވޭނޭހާވަރު އަދި އެބަހުރި... އެހެންމީހަކު ކައްކާފައި ކާންދޭކަށް ނުޖެހޭނެ" ރުބީނާ ބުނެލިއެވެ.

"މައު ޑޮކްޓަރަށް ދެއްކީތަ؟" ރުބީނާގެ ނުރުހުމުގެ ބަސްތައް އައިރާއަށް އަމާޒުވުން ހުއްޓުވުމުގެ ބޭނުމުގައި ނިޔާނު ބުންޏެވެ.

"ނިޔާނު ނުބުންޏަސް އެކަން ވެސް އަހަރެން ކުރާނެއެއްނު" ހިތްހަމަނުޖެހިފައި ހުރި ރުބީނާ ބަދިގެތެރެއަށް ވަނެވެ. އެއާއެކު އައިރާ ހުޅުވައިގެން ހުރި މަތީ ކަބަޑުގެ ދޮރުފަތް ލައްޕާލާފައި ނިޔާނުގެ ގާތަށް ކާމޭޒުދޮށަށް ޖެހިލިއެވެ.

"މީގެ ކުރިން ވެސް އަހަރެން މާލޭގައި ހުރިއްޔާ މަންމައަށް ފަސޭހަކޮށްދެމެއްނު... އަހަރެން މިދަނީ މައު ގޮވައިގެން ހޮސްޕިޓަލަށް... މިހާރު ރޯގާގެ ބަލިތައް މާލޭގައި ފެތުރެމުންދާއިރު ޑޮކްޓަރަށް ނުދައްކާ ޓެސްޓެއް ނުހަދާ ހުންނާކަށް ނުވާނެ... ހޮސްޕިޓަލުގައި އުޅެން މަންމައަށްވުރެ އަހަރެން ފަރިތަވާނެ... އައިރާ... އާދޭ!" ނިޔާނު އިންތަނުން ތެދުވެގެން ހިނގައިގަތީ އައިރާގެ އަތުގައި ހިފައިގެންނެވެ. އެ ދެމަފިރިންނަށް ބަލަން ރުބީނާ މޫނު ހަދައިގެން ހުއްޓެވެ.

"މައު... އޭތް! ހޭލަބަލަ... ހިނގާ ޑޮކްޓަރަށް ދައްކަންދާން... އޭރުން އަވަހަށް ރަނގަޅުވާނީ" މައުރީންގެ ގާތުގައި އިށީނދެގެން އިނދެ މަޑުމަޑުން ނިޔާނު ވާހަކަދެއްކިއެވެ. މައުރީންގެ ނިތްކުރީގައި އަތްޖައްސާލިއިރު އެ ކުއްޖާ އޮތީ ކުޑަކޮށް ދާހިތްލާލާފައެވެ. އެހެންވެ ހުންހުރި ވަރެއް ބަލާލުމަށް އަރިމަތީ ކަބަޑުގެ މަތީ އޮތް ހުންބަލާ "ޑިޖިޓަލް ތާމޯމީޓާރ" މައުރީންގެ ގަޔާ ކައިރިކޮށްލިއެވެ. އާންމުކޮށް ހަށިގަނޑުގެ ހޫނުމިން ހުންނަންޖެހޭ ވަރަށް މައުރީންގެ ހަށިގަނޑުގެ ހޫނުމިން ދަށްވެއްޖެއެވެ.

"ހުން މަޑުވެއްޖެ... ނިދަން ބާއްވަންވީ ކަންނޭނގެ" އައިރާއަށް ބަލާލަމުން ނިޔާނު ބުންޏެވެ.

"ހުން ގަދަވަންޏާ ލަސްނުކޮށް ގެންދާނީ... އިހަށް ދެން ހިނގާ" އައިރާގެ ޚިޔާލު އޭނާ ބުނެލިއެވެ.

މައުރީން އޮތީ ރަޖާދަށުގައި ގަދައަށް ނިދާފައެވެ. އެ ކޮޓަރީގައި ބަޔަކު އުޅޭކަން ވެސް އޭނާއަށް ނޭނގެއެވެ. މައުރީންގެ ގައިމަތީ އޮތް ރަޖާގަނޑު ރަނގަޅުކޮށްލާފައި ނިޔާނު ތެދުވިއެވެ. އަދި އައިރާ ގޮވައިގެން ކޮޓަރިން ނުކުތެވެ. ދެމަފިރިން ގޮސްވަނީ ނިޔާނުގެ ކޮޓަރިއަށެވެ. ރުބީނާ ބަދިގެތެރޭގައި ކައްކަން އުޅެއެވެ. ކުރަން ހުރި މަސައްކަތްތައް ނިކަން އަވަހަށް އޭނާ ނިންމާލައިފިއެވެ. އަދި ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނުކުމެ މައުރީންގެ ހާލު ބަލަން ދިޔައެވެ. އޭނާ ވެސް ހިތްހަމަޖެހުނީ ބޮޑުވަރުނުވެ މައުރީންގެ ހުންގަނޑު ދަށްވެފައި ހުރުމުންނެވެ. މެންދުރު ހޫނުގަދަ ގަޑީގައި މައުރީންނަށް ގޮވާ ނަގާ ފެންވަރަން ފޮނުވިއެވެ. އޭނާ ފެންވަރައިގެން ނުކުންނަހާ އިރުކޮއްފައި ރުބީނާ އައިސް އެ ކޮޓަރިއަށް ވަނެވެ. އޭރު އަނެއްކާ ވެސް އޮށޯންނަން މައުރީން އުޅެއެވެ. އޭނާ އޯށޯތިޔަ ނުދީ މައުރީން ގޮވައިގެން ރުބީނާ ކާމޭޒުދޮށަށް އައިސް މެންދުރުގެ ކެއުމާގެން ކުރިއަށް ދިޔައެވެ. ހުންމަޑުވެފައި ހުއްޓަސް މައުރީންއަށް މާގިނައެއްކޮށް ނުކެވުނެވެ. އެހެންނަމަވެސް ދިޔާ އެއްޗެހި ގިނައިން ބޭނުންކުރަން ޖެހޭނެއޭ ބުނެ ރުބީނާ އޭނާއަށް ތައްޔާރުކޮށްފައި ހުރި ފަނިތަށި އެއްކޮށް ހުސްކުރަން ޖެއްސިއެވެ.

ކޮޓަރީގައި އޮވެފައި ނިޔާނު އޭނާގެ ބަނޑުގައި އަތްހާކާލީ ބަނޑުހައިކަން އިހުސާސްކުރެވިގެންނެވެ. އެނދުގައި ދެފައިކުރުކޮށްލައިގެން އައިރާ އިނެވެ. ނިޔާނު އޭނާއަށް ބަލާލުމުގެ ކުރީން އޭނާ އެ އުޅެނީ ބަނޑުހައިވެގެންކަން އައިރާއަށް އެނގުނެވެ.

"މީ ނިޔާނުގެ ގެ... މަންމަ ކައްކަން އުޅޭ ގަޑީގައި އަހަރެން އެހީވާން ވެސް ބޭނުން، އެކަމަކު ރުޅިގަދަވެފައި ހުންނަ ވަގުތެއްގައި މަންމައާ ވާހަކަދައްކާކަށް އަހަންނަކަށް ނުކެރޭނެ... ދެން ވެސް ތިހެން ނޯވެ ދޭބަލަ މަންމަގެ މޫޑު ރަނގަޅުކުރަން"

"އެހެންޏާ މިހާއިރުވާއިރު މަންމަ މެންދުރަށް ކައްކާފައި އަހަރެން ގޭގައި ހުރިއްޔާ ކާން ވެސް ގޮވާނެ"

އައިރާ އެދުނު ފަދައިން ނިޔާނު ތެދުވިއެވެ. ސިޓިންރޫމަށް ނުކުންއިރު ރުބީނާ ތަށިތައް ދޮވެފައި ދާން ހިނގައިގަންނަނީއެވެ. ނިޔާނު ފެނުމުން ފެންނަކަމަށް ނުހަދާ ދާން އުޅުނެވެ.

"މަންމާ... ކީއްވެތަ ކާން ނުގޮވީ؟" ނިޔާނު މިހެންބުނުމާއެކު ރުބީނާ ހުއްޓުނެވެ.

"މިހާރު އަހަރެން ނުޖެހޭނެ ކާންގޮވާކަށް... ކާންދޭނެ މީހުން ގޮވައިގެން އައިހެއްނު ތިއުޅެނީ"

"އަހަރެން މީހަކާ އިނަސް މަންމަވާނީ ހަމަ މަންމައަށް... އަހަންނަށް އެވަރެއްނޯޅޭނެ... ކޮންމެވެސް ދުވަހަކުން އަހަރެން ވެސް މީހަކާ އިންނަންޖެހޭނެއެއްނު... ދެން މަންމަ ރުޅިމަޑުކޮށްބަލަ... އައިރާ ވެސް ދެރަވާނެ ދޯ މަންމަ ތިހެން މޫނު ހަދާފަ ހުންނަންޏާ... އޭނާގެ ކުށަކީ ކޮބާ؟ އޭނާ އެތައްފަހަރަކު އަހަރެން ގާތުގައި ބުނި މަންމަގެ ރުހުން ހޯދަން... އެކަމަކު މަންމަ ރުހޭހާ ދުވަހެއްވަންދެން އަހަންނަށް ހުރެވޭކަށްނެތް... އެހެންވެ އައިރާއާ އިނދެގެން ގޮވައިގެން މި އައީ... ފަހަރެއްގައި ވެސް މަންމަ ރުޅިއަރުވާކަށްނޫން"

"ވަރިހަމަ! އަހަރެންގެ މި ރުޅި މަޑެއްނުވާނެ" ރުބީނާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"އެހެންވީރު އަހަރުމެން ކެޔަސް އެންމެރަނގަޅުތަ؟"

"އަހަރެން ކެއްކީ އެހެންޏާ ވެސް އަހަރެންގެ ދަރީންނަށް ކާންދޭ ވަރަށް... އިތުރު މީހުންނަށް ދޭވަރަކަށް ނުކައްކަން" ނިޔާނަށް ޖަވާބުދީފައި ރުބީނާ ހިނގައިގަތެވެ. އޭނާ ކޮޓަރިއަށް ވަންނަން އައި ވަގުތު ނިޔާނުގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލައިގެން ނުކުމެ ހުރި އައިރާ އަވަސްއަވަހަށް އެތެރެއަށް ދެމިގަތްތަން ފެނުނެވެ.

ރުބީނާ ހިތްހަމަނުޖެހިފައި ހުއްޓަސް އޭނާގެ ހިތް ބަދަލުވެދާނެކަމުގައި ނިޔާނު ޤަބޫލުކުރެއެވެ. މަންމަގެ ހަރުކަށި ބަސްތައް މާބޮޑުކަމަކަށް ނުހަދާ ހިތުން ފުހެލަނީ އެހެންވެއެވެ. ރުބީނާ ނުރުހުނަސް ނިޔާނު އައިސް ތެލިތަކުގެ މަތިނެގިއެވެ. އެއާއެކު އޭނާގެ މޫނުމަތީގައި ކުރިން ހުރި އަސަރު މުޅިން ފިލާ ހިނގައްޖެއެވެ. މަންމަ ކަންތައްކުރި ގޮތުން ހިތަށް އަސަރުކޮށްފިއެވެ. ރުބީނާ އެ ދިޔައީ ހަޤީޤަތް ހާމަކޮށްފައިކަން އެނގުނީ ދެނެވެ. ތެލީގައި ދެ މީހުން ކާވަރަކަށް ނެތެވެ. ފަސްފަހަތަށް ފިޔަވަޅު އަޅާލުމާއެކު ނިޔާނު އޭނާގެ ބޮލުގައި އަތްތިލަ ހިންގާލިއެވެ. މަންމަ ކަންތައްކުރި ގޮތުގެ ވާހަކަ އައިރާގެ ގާތުގައި ބުނާކަށް ނިޔާނު ބޭނުމެއްނޫނެވެ. ތުނބުޅިމަތިމަހުގައި ކަނާތްހާކާލުމާއެކު ފުންނޭވާއެއް ނިޔާނުލިއެވެ. އަދި އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

"އައިރާ! ލޯބީ!... ދެ މީހުން އެކުގައި ބޭރަށް ކާންދަމާ" ނިޔާނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"އޭރުން މަންމަމެން ހިތްހަމަޖެހޭނެތަ؟ ކޮއްކޮ ވެސް އެހާ ބަލިއިރު އަހަރުމެން ބޭރަށް ގޮސް މަޖާކުރީމަ ކަމަކު ނުދާނެ" މަޞްލަޙާތާމެދު އައިރާ ވިސްނާލިއެވެ.

"މިއަދު މީ ސްޕެޝަލް ޑޭއެއްނު... ކޮންމެ ދުވަހަކު ދާނީއެއްނޫން... މިއަދުގެ ޚާއްޞަކަން އަދި ނިމޭން ކައިރި ވެސް ނުވޭ" މަޖާވެލާފައި ނިޔާނު އައިސް އައިރާގެ އަތުގައި ހިފާލާފައި އޭނާގެ ގާތަށް ގެނައެވެ.

"މަޑުކުރޭ... ހެދުމެއް ތައްޔާރުކުރަން ޖެހޭނީ... ކޮބާ އިސްތިރިކުރާތަން... ނިޔާނު ވެސް އާ ހެދުމެއް ލައިގެން ނޫންތަ ދާނީ" އައިރާ އަހާލިއެވެ. އޭނާ ވެސް ބޭނުންވީ ރުބީނާގެ އަޑު ނީވޭކަމަށް ހާދާށެވެ. ނިޔާނު ވެސް އެ ވާހަކަ ނުދެއްކީ ގަސްދުގައި ކަން އެނގޭތީއެވެ.

ސިޓިރިންރޫމުގައި ހުރި އިސްތިރިކުރާ މޭޒު ނިޔާނު ދެއްކިއެވެ. އެއާއެކު ނިޔާނާއި އައިރާ އަޅާނޭ ހެދުމެއް އިސްތިރިކޮށްލިއެވެ. ދެ މީހުން ތައްޔާރުވެގެން ނުކުތްއިރު ނަސީބަކުން ގޭގައި އެކަކުވެސް ނެތެވެ. އެހެންނަމަވެސް ރުބީނާގެ ކޮޓަރީގައި ޓަކިޖަހާލާފައި ނިޔާނު ބޯދިއްކޮށްލިއެވެ. އަދި ފޯނެއްގައި އިން ރުބީނާއަށް ގޮވާލާފައި ނިޔާނު ބޭރަށް ގޮސްފައި އެބަ އަންނަން ކަމުގައި ބުނެލިއެވެ. އައިރާ ގޮވައިގެންކަން ދަނީ ރުބީނާގެ ގާތުގައި ނިޔާނު ނުބުނީ ގަސްދުގައެވެ. އިތުރަށް މަންމަގެ ޠަބީޢަތް ގޯސް ވެދާނޭތީއެވެ.

އެޕާޓްމެންޓުގެ ބެލް އަޅާލި އަޑާއެކު ފަރިކޮށް ހިނގާލާފައި އައި ރުބީނާ ދޮރުގައިވާ ކުޑަ ބިއްލޫރިކޮޅުން ދޮރުގެ އަނެއްފަރާތުގައި ހުރީ ކާކުތޯ ބަލާލިއެވެ. ހިނިތުންވެލުމާއެކު ނިކަން އަވަހަށް އޭނާ ދޮރުހުޅުވާލިއެވެ.

"މިއައީ މައުއަށް ފްރުޓްކޮޅެއް ހިފައިގެން... މިހާރު ކިހިނެއްތަ؟" ސަލްމާ އެތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ. އަދި ރުބީނާ ދޮރުލައްޕާލާފައި އެނބުރިލުމާއެކު އޭނާގެ އަތަށް ޖޫސްޕެކެޓުތަކާއި ތަފާތު ވައްތަރުގެ މޭވާތައް އަޅާފައި އޮތް ބޮޑު ކޮތަޅެއް ދިއްކޮށްލިއެވެ. އެ ހިފައިގެން ރުބީނާ ހިނގައިގަތީ ބަދިގެ ކައިރީ ހުރި އައިސްއަލަމާރިއާ ދިމާއަށެވެ. އޭނާގެ ފަހަތުން ސަލްމާ ހުރެ އާދެއެވެ.

"މިހާރު ރަނގަޅު... މައު ބަލި ނޫންނަމަ މިއަދު ގެއަށް ނުވެސް ވަދެ އުޅޭނީ... އަންނާނީ ހަމައެކަނި ނިދާލަން" ރުންކުރު ވައްތަރަކަށް ރުބީނާ ބުންޏެވެ. އޭރު ސަލްމާ ދިން ކޮތަޅުގައި ހުރި އެއްޗެހި އައިސްއަލަމާރިއަށް އަޅަމުން ދިޔައެވެ.

"ރުޅިނައިސް ރަނގަޅުގޮތެއް ވިސްނަމާ... ތިކަން ކޮށްލާފައި އާދެބަލަ އިށީންނަން" ސަލްމާ ކޮޅަށް ނުހުރެ އެނބުރި އައީ ސިޓިންރޫމުކޮޅުގައި ހުރި ސޯފާތަކާ ދިމާއަށެވެ. އަދި ގޮނޑިއެއްގައި އޭނާ ހަމަޖެހިލާފައި ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ އޮތް ރިމޯޓުނަގާ ޓީވީ ހުޅުވާލިއެވެ. ރުބީނާ އެތަނަށް އައިސް އިށީނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.

"ހޫން! ދެން ކިޔާބަލަ" ރުބީނާ ހަމަޖެހިލިހެން ހީވުމުން ސަލްމާ ބުންޏެވެ.

"މަށެއް ހިޔެއްނުކުރަން އިނދެގެންނޭ އަންނާނީ... އެންމެ ކުޑަމިނުން މަށަށް ނުވެސް އެނގޭ އެ ރަށަށް އެ އަންހެނާ ބަލާކަމެއް ދިޔައީ... އެއްވެސް ކަމެއް އަންގާނުލާ ހުރިހާ ކަމެއް ނިންމާލައިގެން އެ އައީ... އަހަރެން ދެން ކުރާނީކީއް... ރުޅި އައިސްފައި ހުރުން ނޫންކަމެއް ނެތެއްނު... ރާއްޖެތެރޭ ކަޓުމުއްލާ ކުއްޖާގަނޑެއް... މި ޒަމާނުގެ އެއްވެސް ކަމެއް އޭނާގެ ނެތް... ހެދުންލާފައި ހުރިއިރު ކީކޭ ބުނާނީ... ސަލްމެންގޭ ކައްކަން އުޅޭ ސާދުނާ ވެސް އެއަށްވުރެ ފެޝަން"

"އެކަމަކު ރޫބީ ބުނީމެއްނު ބަލާލަން ހުތުރެއްނޫނޭ" ސަލްމާ އިނދެފައި ކަމެއް ހަނދާންކޮށްލިއެވެ.

"އާން! ބުރުސޫރަ ރީތި... ޒަމާނީ ކުލަވަރެއްނެތީ"

"ބޭރުފުށުން ފެންނައިރު އޭނާ ކަޓުކަމަށްދެއްކިޔަސް ކިހިނެއް އެނގެނީ އެ ރީތިކަމުގެ އަވައިގައި ނޫންކަމެއް ނިޔާނު ފަކީރު ޖައްސައިގެން އެ ހުރިހާކަމެއް އެ ނިންމާލީ... ރޫބީ! އެ ރަށުގައި ނިޔާނު ހުރިއިރު ނޭނގެއެއްނު އެ ސޮރު ގާތަށް އެ އަންހެނާ ނުވަންނަކަމެއްވެސް... ނިޔާނުމެން ކަހަލަ ޒުވާން ކުދީންގެ ހިތްތަކަށް ވާނީ ކިހިނެއް"

"މަށަށް ވެސް ހީވޭ ތިކަހަލަ ކަމެއްހެން" ހިތަށް ވަމުންދިޔަ އުނދަގޫތަކާއެކު ރުބީނާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އިތުރަށް އައިރާދެކެ ފޫހި ވެސް ވިއެވެ.

"މަށަށް ދެއްކެންވެގެން ނިޔާނު އޭނާ ބަދިގެއަށް ވައްދައިގެން ވެސް އުޅުން... ހަޅޭލަވައިގަތީމާ ދެ މީހުންވެގެން ނުކުމެގެން ހިނގައްޖެ... ހެޔޮނުވާނެ ސަލް... އަހަރެންގެ ފިރިހެންދަރީގެ މުޅި ދިރިއުޅުން ގެއްލިގެންދާކަށް ބޭނުމެއްނޫން... މި އާފާތުން ސަލާމަތްވެވޭނޭ ގޮތެއް ބުނެދީބަލަ"

"އަދި މީ ކައިވެނީގެ އާކޮޅު ދޯ... ދުވަސްކޮޅެއް ވަންދެން މަޑުކުރަންވީ... ދެން އެ އަންހެންކުއްޖާދެކެ ނިޔާނު ފޫހިވާވަރު ކުރަންވީ... ރޫބީ ވެސް އޭނާއާ ގުޅާލަންވީ"

"އަހަންނަށް އެނގޭ ނިޔާނު އޭނާއަށް ބޭވަފާތެރި އަނތްބަކު ގޮވައިގެން ނޫޅޭނެކަން... އެކަމަކު އެފަދަ ނަމެއް އެ އަންހެނާގެ ބޮލުގައި އަޅުވާނޭ ގޮތެއް އަހަންނަކަށް ނުވިސްނޭ... ހިތަށް އަރާ ހަމަމިހާރު ވެސް ރަށަށް ފޮނުވާލެވޭނެނަމައޭ" ރުބީނާ ފޫހިކަމުގެ ރާގެއްގައި ބުނެލިއެވެ.

"ތިހެން ވެސް ހެދޭނެ... އިހަށް ދުވަސްކޮޅަކު މަޑުކުރަންވީ އާ ކައިވެނީގެ ފޯރި ކުޑަވަންދެން... މިހާރު ނިޔާނު ވެސް އަބަދު ބޭނުންވާނީ އެމަންޖެގެ ފޫބުޑުން އުޅެން... އަހަރުމެންނަށް ކަމެއްކުރަން ފުރުޞަތެއް ނުލިބޭނެ... އަވަސްއަރުވާލާފައި ކަމެއްކުރަން އުޅެން ހަދައިގެން ބޭނުންވާގޮތް ނުވެދާނެ" ސަލްމާ ޚިޔާލު ދިނެވެ. ރުބީނާއަށް އެ ޚިޔާލު ކަމުދިޔައެވެ. އެހެންނަމަވެސް ނިޔާނާއި އައިރާ ގުޅިގެން އުޅޭތަން ދުށުމަކީ ރުބީނާއަށް ކިހާ އުނދަގޫކަމެއްކަން ހިތަށް އަރަމުންދިޔައެވެ.

އައިރާ ގޮވައިގެން ނިޔާނު އައިސް ގެއަށް ވަންއިރު ސިޓިންރޫމުގައި ސަލްމާއާއި ރުބީނާ ތިއްބެވެ. ނިޔާނު ފެނުމުން ސަލްމާ އޭނާއަށް ގޮވާލިއެވެ. އަދި އައިރާއަށް އިޝާރާތްކުރާހެން އެއީ ކޮންކުއްޖެއްތޯ ސުވާލުކުރިއެވެ.

"މަންމަ ނުބުނޭތަ؟ މީ އަހަރެންގެ އަންހެނުން" ރުބީނާގެ ރަޙުމަތްތެރިންނާ ނިޔާނު އެހާ ގަޔައެއްނުވެއެވެ. މީސްމީހުންގެ ވާހަކަދެއްކުން ނޫންކަމެއް އެ މީހުންގެ މެދުގައި ނޯންނާތީއެވެ. އެހެންނަމަވެސް މަންމަގެ ރަޙުމަތްތެރިންނާ އަދަބުކުޑަކޮށް އެއްވެސް އިރެއްގައި ނިޔާނު ވާހަކައެއް ނުދައްކައެވެ. އަބަދުވެސް ބަލަނީ އެމީހުންގެ ވާހަކައިގެ ތެރެއަށް ނުވަދެ އެތަނަކުން ދުރަށް ދެވޭތޯއެވެ. މިފަހަރު ވެސް އޭނާ ހެދީ އެހެންނެވެ. އައިރާގެ އަތުގައި ހިފާލަމުން ހަލުވިކޮށް އެތެރެއަށް ވަދެގެން ދިޔައީ ސަލްމާއަށް ހިނިތުންވުމެއް ބަދަލުކޮށްލާފައެވެ.

"އަވަސްއަރުވާލާފައި ތި އައީ ކިހިނެއްވީ؟ އެއީ ކާކުތަ؟"

"އެއީ މަންމަގެ ފްރެންޑެއް... އަދި އުޅޭނެ އެހެން އަންހެނެއް ވެސް... އެމީހުން ވަރަށް ފާޑެއްވާނެ... އަހަރެން އެހާ ލައިކެއްނުވޭ... އައިރާއޭ ކިޔައިގެން ވެސް ކޮންމެ ފަދަ އެއްޗެއް ކިޔާފާނެ... އަހަރެން ބޭނުމެއްނޫން މީހަކު އައިރާއޭ ކިޔައިގެން ވާހަކަދައްކާއަޑު އަހާކަށް... އަހަންނަށް އައިރާ އެނގޭ ގޮތަށް އެހެންމީހުންނަކަށް ނޭނގޭނެ" ނިޔާނު އައިސް އެނދުގައި އިށީނެވެ. ހީވަނީ ރުބީނާގެ ޢަމަލުތައް ބަލައިގަންނަން އުނދަގޫވެފައި އިންހެނެވެ. ޔަގީނުން ވެސް އައިރާގެ ވާހަކަކަން މިހާރު ދައްކާނީ އޭނާއަށް އެނގޭ ކަހަލައެވެ.

އިޝާ ނަމާދަށް މިސްކިތަށް ދިއުމުގެ ބަދަލުގައި ނިޔާނު ނަމާދުކުރީ އައިރާއާއެކު ކޮޓަރީގައެވެ. ނަމާދުކުރާ އެއްޗެހި އައިރާ ނެގުމުން އެނދުގައި އައިސް އިށީން ނިޔާނު އޭނާގެ ގާތަށް އައުމަށް އައިރާއަށް އިޝާރާތްކޮށްލިއެވެ. ނިޔާނުގެ ގާތަށް އައިރާ އައުމާއެކު އޭނާގެ އަތުގައި ނިޔާނު ހިފާލިއެވެ. އަދި މަޑުމަޑުން ގެނެސް އޭނާގެ އުނގުގައި އައިރާ ބޭންދިއެވެ.

"މި ބުރުގާ ދެން ބާލަމާ" އައިރާ އަޅައިގެން އިން ދެމޭފޮތީގެ ކުޑަ ވަށްބުރުގާގައި އަތްޖައްސާލަމުން ނިޔާނު ބުންޏެވެ. އެހިނދު އައިރާ ޖެހިލުންވާގޮތްވިއެވެ. ނިޔާނާ ހަތަރުކަޅި ބައްދަލުވެފައި ހުރެ މަޑުމަޑުން އައިރާ ބޯޖަހާލިއެވެ. އަދި ބުރުގާ ނަގަން އައިރާ އުޅުނު ވަގުތު ނިޔާނު ހިފެހެއްޓިއެވެ. އައިރާގެ އަތް ދުރުކޮށްލުމާއެކު ނިޔާނު ބުރުގާގައި ހިފާލިއެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭގައި އައިރާ އަޅައިގެން އިން ބުރުގާ އޮތީ ނިޔާނުގެ އަތުގައެވެ. އައިރާގެ ފަން އިސްތަށިގަނޑުން ޖަހާލާފައިވާ ބޮޑު ހުޅިއާއި ދޮން ކަނދުރާ ހާމަވެގެންދިޔައެވެ.

(ނުނިމޭ)