ދުނިޔެ

އުތުރުކޮރެއާ މައްސަލަ ހައްލު ކުރަން އެމެރިކާ އާއި ޗައިނާ އެއްބަސްވެއްޖެ

Mar 19, 2017

އުތުރު ކޮރެއާއިން ސަރަހައްދީ ގައުމުތަކާއި ބައިނަލް އަގުވާމީ މުޖުތަމައަށް ބިރު ދައްކަމުންދާ މައްސަލަ ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޗައިނާއާއި އެމެރިކާއިން އެއްބަސް ވެއްޖެ އެވެ.

ރޮއިޓާސް އިން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ޗައިނާއަށް ކުރެއްވި ދަތުރުފުޅު އިއްޔެ ނިންމަވައި ލެއްވީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ހިތްޕުޅުހެޔޮ ވާހަކަފުޅުތަކެއް އަޑު އެއްސެވުމަށް ފަހު ކަމަށާއި އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރަން ދެ ގައުމުގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމަކާ ވެސް އެކުގައި ކަމަށެވެ. ޓިލާސަން ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ވަޑައިގެންނެވި ފަހުން އޭނާ އޭޝިއާގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އުތުރު ކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއާ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން އެކަމުގެ ތެރެއަށް ވަނުމާއި މިސައިލުން ދިފާއުވާ ނިޒާމުތައް ދެކުނު ކޮރެއާގައި ގާއިމް ކުރުން ފަދަ ކަންތައްތަކާ މެދު ޗައިނާއިން ކުރިން އޮތީ ނުތަނަވަސް ވެފައެވެ. އަދި ޗައިނާއިން އެގައުމުގެ ބައެއް ކަމަށް ބަލަމުން އަންނަ ޓައިވާނާ އެމެރިކާ ސަރުކާރާ ދެެމެދު އޮންނަ ގުޅުމާއި މެދު ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.

ރޮއިޓާސް ބުނީ ހޮނިހިރު ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެން އެގައުމުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެގައުމުގެ ހިޔާލުތަފާތުވުންތަކާ މެދު ވާހަކަ ނުދައްކާ ކަމަށެވެ.

ޓިލާސަން ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އަމަލު ކުރަމުން ދަނީ ވަރަށް ނުބައިކޮށް ކަަމަށާއި ޗައިނާއިން އެކަމާ އަޅާ ނުލާ ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ރާގު މިހާރު ބަދަލުވެފައި ވަނީ ޗައިނާގެ ރައީސް ޝީޖިންޕިން އާއި ޓްރަމްޕް ބައްދަލު ކުރައްވަން ތާވަލުކޮށްފައި ވާތީ އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ކަމަށް ވަނީ ބެލެވިފަ އެވެ. -- ރޮއިޓާސް