ރޮބޮޓުންގެ އެހީއާއެކު ކިޔަވައި ދެވޭނެ ނިޒާމެއް ޔޫއޭއީގެ ބައެއް ސްކޫލުތަކުގައި މިއަހަރު ގާއިމް ކުރަން ނިންމައިފި އެވެ.
އެމިރޭޓްސްގެ ސްކޫލު ތަކަށް ނެރެން ހަމަޖެހިފައިވާ ޓީޗް އެސިސްޓް ތައާރަފް ކުރަން ހަމަޖައްސާފައި ވަނީ މިއަހަރު ފަހުކޮޅު އެވެ. މި ސިސްޓަމް އުފައްދައިފައިވާ އެޓްލެބް އަކީީ ފަހުގެ ޓެކްނޮލޮޖީގެ އަލީ ގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބައްޓަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
މި ރޮބޮޓަކީ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ޓެކްނޮލޮޖީގެ ސަބަބުން އަންނާނެ ބޮޑު އިންގިލާބެއްގެ ފެށުން ކަމަށް އެ ކުންފުނިން މި މަހު 14 އިން 16 އަށް ދުބާއީގައި ކުރިއަށް ދިޔަ ގްލޯބަލް އެޑިއުކޭޝަނަލް ސަޕްލައިސް އެންޑް ސޮލިއުޝަން (ޖީއީއެސްއެސް) ފެއާ ގައި ސިސްޓަމް ދައްކާލަމުން ބުނެފައިވެއެވެ.
ޓީޗްއެސިސްޓް ގެ ޑިޒައިން ގައި ބޭނުން ކޮށްފައިވާ 60 އަށް ވުރެ ގިނަ ސެންސަރާއި 3ޑީ ކެމެރާގެ އެހީގައި ދަރިވަރުގެ ހަރަކާތް ތަކާއި ދައްކާ ވާހަކަ ދެނެގަނެވެ އެވެ.
އެ ކުންފުނީގެ ޑިރެކްޓަރު އެސް ސެންތިލް ކުގަން ވިދާޅުވި ގޮތުގައި މި ރޮބޮޓަކީ ދަރިވަރުން ނަށް ކިޔަވައިދީ ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން ލައިބްރަރީތަކުގައި ދަރިވަރުންނަށް އެހީތެރިވެ ހާޒިރީ ބަލަހައްޓުން ފަދަ މަސައްކަތްތައް ކުރުމުގެ ގާބިލް ކަން ލިބިފައިވާ ރޮބޮޓެކެވެ.
ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ ދައުރު ފުޅާ ކުރުމަށް މި ކުންފުނިން އަންނަނީ މީގެ ކުރިން ވެސް އެތަކެއް ސިސްޓަމްތަކެއް ގާއިމް ކޮށް ބޭނުން ކުރަމުންނެވެ.