އެމެރިކާގެ ރިޔާސީ ގަނޑުވަރު ކައިރީގައިވާ ޗެކްޕޮއިންޓަކަށް މަޑުކުރި ވެހިކަލެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން އެ ވެހިކަލް ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.
އެމެރިކާގެ ރައީސްގެ ސަލާމަތީ ދެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން ބުނީ ރޭ ހިނގި އެ ހާދިސާ އާ ގުޅިގެން ވައިޓްހައުސްގެ ކައިރީގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ބޮމެއް އޮތް ކަަމަށް ދައުވާ ކުރި މީހާ ދުއްވި އުޅަނދު ބަލައި ފާސްކުރި ނަމަވެސް އޭގައި ބޮމެއް އޮތް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ސީއެންއެންއާ ވާހަކަ ދެއްކި ދެ އޮފިޝަލުން ކަށަވަރު ނުކޮށްދޭ ކަމަށް އެ އެޖެންސީން ބުންޏެވެ.
ރޭ އެމެރިކާ ގަޑިން 11.05 ހާއިރު ހިނގި އެހާދިސާއާ ގުޅިގެން މިއަދު ހެނދުނާ ހަމައަށް ވެސް ވައިޓްހައުސްގެ ކައިރީގައިވާ ބައެއް މަގުތައް އޮތީ ބަންދުކޮށްފަ އެވެ. އެމެރިކާގެ ރައީސުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާވިސް އިން ސީއެންއެންއަށް ބުނެފައި ވަނީ މަގުތައް ބަންދު ކުރީ ކުރިއަށްދާ ޖިނާއީ ތަހުގީގަކަށް ކަމަށެވެ.
ހޮނިހިރު ދުވަހު ހިނގި އެހެން ހާދިސާއެއްގައި މީހަކު ވަނީ ވައިޓްހައުސްގެ ކުރިމަތީގައި ހުރި ބައިސިކަލް ރެކެއްގެ މަތިން ފުންމާލާފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވައިޓްހައުސްގެ ގޯތި ތެެރެއަށް ވަނުމުގެ ކުރިންނެވެ. އެމީހާ އަތުގައި އޮތީ ވައިޓްހައުސްގެ އޮފިޝަލުންނާ ހަވާލު ކުރަން އޭނާ ބޭނުންވާ ލިޔުމެއް ކަމަށާއި ހަތިޔާރެއް ނެތް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ވައިޓްހައުސްގެ ކައިރީގަައި އެ ދެހާދިސާ ހިނގި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެތަނުގައި ވަޑައިގެން ނޫޅުއްވަ އެވެ. އޭރު އޭނާ ހުންނެވީ ފްލޮރިޑާ ސްޓޭޓްގެ ޕާމް ބީޗްގައިވާ އޭނާގެ އަމިއްލަފުޅު ތަނެއް ކަަމަށްވާ މާރާ ލާގޯ އެސްޓޭޓްގަ އެވެ.