ދުނިޔެ

ރިޝްވަތު ހިފިކަން ސާބިތުވެ ޗައިނާ ފުލުހުންގެ އިސްމީހަކު ޖަލަށްލައިފި

Mar 19, 2017
1

ޗައިނާގެ ފުލުހުންގެ އިސް މަގާމެއްގައި ހުރި މީހަކު ރިޝްވަތު ހިފިކަން ސާބިތުވެގެން އޭނާ 17 އަހަރަށް ޖަަލަށް ލައިފި އެވެ.

ރޮއިޓާސް ބުނީ ޗައިނާގެ އިރު އުތުރުގެ ލިއައޮނިން ޕްރޮވިންސްގައިވާ ޖިންޒޫ ނަމަކަށް ކިޔާ ޝަހަރުގެ ފުލުހުންގެ ވެރިޔާގެ މަގާމުގައި ހުރި އުމުރުން 59 އަހަރުގެ މީހަކު މިމަހުގެ ކުރީކޮޅު ޖަލަށްލީ ރިޝްވަތުގެ ގޮތުގައި 6.8 މިލިޔަން ޔުއާން (985510 ޑޮލަރު) ހޯދިކަމުގެ ކުށް ސާބިތުވެގެން ކަމަށެވެ. ކޯޓްގެ ލިޔެކިއުންތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާއިން އޭނާ އޮސްޓްރޭލިއާއިން ދެ ގެ ގަނެފައިވާ ކަމަށެވެ.

ވާން ޖުން ރެން ނަމަކަށް ކިޔާ އެމީހާ ފުރަތަމަ ރިޝްވަތު ހިފާފައި ވަނީ އިމާރާތްކުރާ މީހަކު އަތުން 2009 ވަނަ އަހަރުއެވެ. އެފަހަރު ހޯދި 2.36 މިލިޔަން ޔުއާން ބޭނުންކޮށްގެން އޭނާ އޮސްޓްރޭލިއާއިން ގެއެއް ގަނެދީފައި ވަނީ ދޮށީ އަންހެން ދަރިފުޅަށެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު ހަމަ އެމީހާ އަތުން ހަތަރު މިލިޔަން ޔުއާން ހޯދާއި އޭނާގެ ދެވަނަ އަންހެން ދަރިފުޅަށް ގެއެއް ގަނެދީފައި ވެއެވެ.

ވާން ރިޝްވަތު ހިފީ މަޝްރޫއުތައް ހިންގުމަށް ހުއްދަ ދިނުމުގެ ތެރޭގައެވެ.

އޮސްޓްރޭލިއާއިން އިމާރާތްތައް ގަތުމުގައި އޮންނަ ގަވައިދުތަކުގައިވާ ފޫނުބެދުންތައް ބޭނުންކޮށްގެން ، ޗައިނާގެ ސިޔާސީ މީހުން ކަޅު ފައިސާއިން ތަންތަން ގަންނާތީ އެގައުމުން މިހާރު ވަނީ ގަވައިދު ހަރުކަށި ކުރަން އޮސްޓްރޭލިއާގެ އިދާރާތަކުން އަންނަނީ ވިސްނަމުންނެވެ.