ނޫސްވެރިން

ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ ކުރިމިނަލް ކޯޓުގެ އިންޒާރެއް

ރާއްޖޭގެ އިސް ވެރިންގެ އަގު ވެއްޓޭ ގޮތަށް ބައެއް ނޫސްވެރިން ލިޔަމުންދާ ލިޔުންތަކަކީ ޓެރަރިޒަމަށް ބާރު ލިބޭ އަމަލުތަކެއް ކަމަށް ބުނެ އެފަދަ ލިޔުންތައް ލިޔުން ހުއްޓާލަން ކުރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަންގައިފި އެވެ.

ކުރިމިނަލް ކޯޓުން ދާދިދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ނޫސްތަކުން ނޫސްވެރިން ދަނީ ދައުލަތުގެ އިސްވެރިންނާއި ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން ރާއްޖޭގައި ގާއިމުވެފައިވާ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ދިވެހިންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"... ދިވެހި ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގު ވައްޓާލުމަށާއި ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ދަނީ ބައެއް ނޫސްވެރިން މަސައްކަތް ކުރަމުން،" ބަޔާނުގައިވެ އެވެ.

ކުރިމިނަލް ކޯޓުން ބުނީ، ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ޓަރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއް ކަމަށާއި މިހާރު މިހާރަށް އެފަދަ ލިޔުންތައް ލިޔުން ހުއްޓާލުމަށް ހުރިހާ ނޫސްވެރިންނަށް ގޮވާލާ ކަމަށެވެ.

އެފަދަ ލިޔުންތައް ލިޔެގެން ދައުލަތުގެ އަމަންއާންމާއި އިސްތިގުރާރު ނަގާލައި ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ އަމަލުތައް ކުރާ ކޮންމެ މީހަކާމެދު ކުރިމިނަލް ކޯޓުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.