ޒުވާންކަންމަތީ ދެމިހުރުމަށް އެންމެން ވެސް ބޭނުންވެ އެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފަރުވާ ނުވަތަ މަސައްކަތް ގިނަ މީހުންނަކަށް ނުކުރެވެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި މީހާ ރީތިވެވޭނީ ހަމައެކަނި ސެލޫނަށް ގޮސް ހަދާ ފޭޝަލްއަކުންނެވެ. ނޫންނަމަ ނަގާ ހެއާ ޓްރީޓްމަންޓަކުންނެވެ.
ނަމަވެސް ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން ސެލޫނަށް ނުގޮސް ވެސް ރީތި ވެވިދާނެ އެވެ.
އަވިން ލިބޭ ގެއްލުން
އަވީގައި އުޅުމުން ގައިގެ ހަން އެދުމުން ނުވަތަ ޓޭން ވުމަކީ މީހާ އަވަހަށް މުސްކުޅި ކުރުވާ ކަމެކެވެ. އިރުގެ ދޯދިތަކުން ހަމަށް ގެއްލުންދޭއިރު، މިކަމުން ސަލާމަތްވުމަށް ގިނަ ބަޔަކު ބޭނުން ކުރާނީ ސަން ކްރީމެކެވެ. ނަމަވެސް ގިނަ ސަން ކްރީމް ތަކަކީ ހަމަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދޭ އެއްޗިއްސެއް ނޫނެވެ.
އަވިން ހަން އެނދުމުން ނުވަތަ ޓޭން ވެފައި ހުރި ތަން ތަނުގައި ޔޯގަޓް އުނގުޅާލާށެވެ. ޔޯގަޓްގައި ގިނަ އަދަދަކަށް ލެކްޓިކް އެސިޑް ހިމެނޭ އިރު މިއީ އެންޓި އޭޖިން އެއްޗެކެވެ. ޔޯގަޓްގެ ތެރެއަށް ބޭނުންނަމަ ބިހާއި މާމުއި ވެސް އެއްކުރެވިދާނެ އެވެ. އަދި ވިއްސަކަށް މިނެޓް ފަހުން ދޮވެލާށެވެ. ކުރިން ހުރި ކުލައަށް ގައިގެ ހަމުގެ ކުލަ ބަދަލު ވަންދެން ހަފްތާއަކު ތިނެއް ނުވަތަ ދެ ފަހަރު މި މާސްކް ތަކުރާރު ކުރަންވާނެ އެވެ.
ލޯ ކައިރި ކަޅުވެ ރޫޖެހުމުން ދުރުކުރުމަށް
އެންޓި އޭޖިން އާ ކުރާ ހަނގުރާމަ ފުރަތަމަ ވެސް ފަށާހިސާބަކީ މިއީ އެވެ. ލޯކައިރި ކަޅުވެ ރޫޖެހިފައި ހުރުމަކީ މީހާގެ މޫނުމަތިން މުސްކުޅި ކަމަށް ދައްކާ އެންމެ ފުރަތަމަ ކަންތަކެވެ. މީހާގެ މޫނު އުޖާލާކޮށް ހުރުމުގެ އަސްލަކީ މީހާގެ ލޮލުގެ އުޖާލާ ކަމެވެ. ލޯ ކައިރީގެ ކަޅުކަން ފިލުވުމަށާއި ރޫ ޖެހުމުން ދުރުވުމަށް ތިން ސަމްސާ މާމުއިގެ ތެރެއަށް ތިން ސަމްސާ ކިރު އެއްކުރާށެވެ. އަދި ރަނގަޅަށް ހޫނު ކޮށްލުމަށްފަހު މާސްކެއް ގޮތަށް ލޯ ކައިރީގައި އުނގުޅާލާށެވެ. 30-25 މިނެޓް ފަހުން ރީތި ފެންފޮދަކުން ދޮވެލާށެވެ. މި މާސްކް ހަފްތާއަކު ތިން ފަހަރު ބޭނުން ކުރާށެވެ.
ލައް ފިލުވުމަށް
މޫނުގައި ނަގާ ބިހި ފިލުމަށްފަހު ވެސް ތިކިތަކެއް ގޮތަށް މޫނުގައި ލަކުނު ހުރުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. މި ގޮތަށް ހުންނަ ލައްތައް ފިލުވާމަށް، އެއް ބިހުގެ ތެރެއަށް ކާޑް އެއްކުރުމަށްފަހު، ރަނގަޅަށް ޕޭސްޓެއް ގޮތަށް މިކްސް ކޮށްލާށެވެ. އަދި މި މާސްކް މުޅި މޫނުގައި ރަނގަޅަށް އުނގުޅާލާށެވެ. ބައިގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިހެން ހެދުމުން މޫނުމަތީގައި ހުންނަ ލައްތައް ފިލުމަށް އެހީތެރިވެދެ އެވެ.
ބްލެކްހެޑްސް
ނޭފަތްމަތީ ނުވަތަ ދަތްދޮޅި ކައިރި ބްލެކް ހެޑްސް ނަގާފައި ހުރުމަކީ މީހާގެ ސިފަ ހުތުރުކޮށްލާ ކަމެކެވެ. އަދި މިއީ ބައެއް މީހުންދެކޭ ގޮތުގައި މީހާގެ ކަންނެތްކަން ވެސް ދައްކުވައިދޭ ކަމެކެވެ. ސަބަބަކީ ބްލެކް ހެޑްސް އަކީ ފިލުވަން މާ އުނދަގޫ އެއްޗަކަށް ނުވާތީ އެވެ. އަދި ބާޒާރުން ލިބެން ހުންނަ ބައެއް އެއްޗެހި ބޭނުންކޮށްގެން ވެސް ބްލެކް ހެޑްސް ފިލުވައިލެވޭއިރު ގެއިން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން މާފަސޭހައިން ބްލެކް ހެޑްސް ނައްތާލެވިދާނެ އެވެ.
އެގޮތުން ލޫބޯ ފޮތްޗެއްގެ ތެރެއަށް ފަހެއް ނުވަތަ ހަ ތިކި މާމުއި ޖެހުމަށްފަހު ބްލެކް ހެޑްސް ނަގާފައި ހުރި ތަންތަނުގައި އުނގުޅާލާށެވެ. އަދި ރަނގަޅާށް ލުބޯ ފޮތި އުނގުޅާލުމަށްފަހު ދިހަ ވަރަކަށް މިނެޓް ފަހުން ދޮވެލާށެވެ. ލުނބޯ އަދި މާމުއި އަކީ މޫނު ސާފުކޮށް މޫނުގައި ހުންނަ ހަޑިތައް ފިލުވައިދީ މޫނުގައި ހުންނަ ޕޯސްތައް ފިލުވާލުަމށް އެހީތެރިވެދޭ އެއްޗެކެވެ.
ހަން ކުރަކިވުން
ހަމުގައި ހުންނަ ތެތްކަން ނެތި ހަން ހިކި ކުރަކިވުމަކީ އާންމުކޮށް ގައިގަ ފެންމަދުވުމުން ނުވަތަ އެހެން ސަބަބަކާ ހެދި ދިމާވެދާނެ ކަމެކެވެ. ބައެއް މީހުންނަކީ މޫނުގެ އިތުރުން ގައިގެ ހަންވެސް ވަރަށް ބޮޑަށް ކުރަކިވާ މީހުންނެވެ. މިގޮތަށް ހަން ކުރިކާވަނަމަ ޔޯގަޓް އަދި ވިނިގާގެ ތެރެއަށް ބައި ޖޯޑް ކާޑް އެއްކުރާށެވެ. އަދި ހަން ބޮޑަށް ކުރަކިވެފައި ހުރި ހިސާބުތަކުގައި ތައްޔާރުކުރި ޕޭސްޓު އުނގުޅާލާށެވެ. މިގޮތުގައި އަތާފައިގަ ވެސް މި ޕޭސްޓް އުނގުޅާށެވެ. 15-10 މިނެޓް ފަހުން ދޮވެލާށެވެ.