ޖުމްހޫރީ ޕާޓީ

94 މީހަކަށް ޓިކެޓް ދީ، ޖޭޕީގެ ކެމްޕޭން ލޯންޗުކޮށްފި

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ތައާރަފްކޮށް، ޓިކެޓް ހަވާލުކޮށްފި އެވެ. ޖޭޕީގެ ޓިކެޓް ދީފައިވަނީ 94 މީހަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖޭޕީއިން މިރޭ ރަސްމީކޮށް ފެށިއިރު އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް މިރޭ ޓިކެޓް ހަވާލުކޮށްދެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ޖޭޕީއިން ވަނީ މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާ އާއި ވިލިމާލެ ދާއިރާ އަދި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާފަ އެވެ. އަދި ފުވައްމުލައް ސިޓީގެ ކައުންސިލްގެ ގޮނޑިއަކަށް ވެސް އެ ޕާޓީގެ ކެނޑިޑޭޓެއް ކުރިމަތިލާފައިވެ އެވެ. އޭގެއިތުރުން ޖޭޕީގެ ކެނޑިޑޭޓުން ކުރިމަތިލާފައިވަނީ، ހއ، ހދ، ށ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ތ، ލ، ގއ އަދި ގދ އަތޮޅު ކައުންސިލްގެ ގޮނޑިތަކަށާއި ރަށު ކައުންސިލް ގޮނޑިތަކަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއަކަށް ޖޭޕީ ކުރިމަތިލާފައެއް ނުވެ އެވެ.

މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތަކީ ގިނަ ދުވަސްތަކަކަށްފަހު ޖޭޕީއިން ބޭއްވި ސިޔާސީ ހަރަކާތެވެ. އެ ޕާޓީން ބުނީ، މިއީ އެ ޕާޓީގެ ހަރަކާތްތައް އަނެއްކާވެސް ފެށިގެން ދިޔުން ކަމަށެވެ.

ޖޭޕީއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ޕާޓީގެ ދިދަ ވަރަށް ބޮޑަށް ވަނީ ބޭނުންކޮށްފަ އެވެ. ވެހި ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލްގެ ދަށުން ޖޭޕީގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އެ ޕާޓީއަށް މީގެ ދުވަސްކޮޅެއް ކުރިން އަންގާފަ އެވެ. ނަމަވެސް އެ ޕާޓީން ބުނެފައިވަނީ އެގޮތަށް އީސީއަށް ނޭންގޭނެ ކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އަލީ ހުސެއިން ވެސް ވިދާޅުވީ، ޖޭޕީގެ ދިދަ ވިހުރުވުން ނުހުއްޓުވޭނެ ކަމަށާއި ޖޭޕީ ދާނީ ކުރިއަށް ކަމަށެވެ.

އެ ޕާޓީގެ ދިދައަކީ ވަރަށް ބޮޑަށް ރައިސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދައާ އެއްގޮތް ދިދައެކެވެ. ދިދައާ ބެހޭ އާ އުސޫލްގެ ދަށުން ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މަނާކުރެ އެވެ.