ދުނިޔެ

އެމެރިކާގެ ޑިޕްލޮމޭޓަކު ނިއުޒީލޭންޑުން ބޭރުކޮށްލައިފި

Mar 19, 2017
1

ނިއުޒީލޭންޑްގައި ހުންނެވި އެމެރިކާގެ ޑިޕްލޮމޭޓަކު ގޮތް ނޭނގޭ ޖިނާއީ މައްސަލައަކާ ގުޅުވައި އެ ގައުމުން ބޭރުކޮށްލައިފި އެވެ.

ބީބީސީ ބުނީ ނިއުޒީލޭންޑުން އެމެރިކާގެ އެ ޑިޕްލޮމޭޓް ބޭރުކޮށްލީ ޖިނާއީ މައްސަލައެއްގައި އޭނާއާ ސުވާލުކުރަން ޖެހިގެން، ޑިޕްލޮމޭޓެއްގެ ހައިސިއްޔަތުން އޮންނަ ހިމާޔަތް އަނބުރާ ގެންދިއުމަށް އެމެރިކާ އެމްބަސީގައި އެދުމުން އެކަން ނުކުރުމުން ކަމަށެވެ.

އޭނާއާ ސުވާލު ކުރަން ފުރުސަތު ނުލިބުމުން އޭނާ ނިއުޒީލޭންޑް ދޫކޮށް ދިއުމަށް އެ ގައުމުގެ ސަރުކާރުން އެންގި ކަމަށާއި އެހެންވެ، އޭނާ މިހާރު އެމެރިކާއަށް ގޮސްފައިވާކަން އެމެރިކާ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޖިނާއީ ކަމެއްގައި އޭނާ ބައިވެރިވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައި ވަނީ ވެރިރަށް ވެލިންޓަންގެ ބޭރުގައި ހިނގި އެ ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.

އޭނާއާ ބެހޭ އިތުރު ތަފުސީލެއް ނިއުޒީލޭންޑް ފުލުހުން ދީފައެއް ނުވެއެވެ. ނަމަވެސް ނިއުޒީލޭންޑް ރޭޑިއޯ އާ ހަވާލާދީ ބީބީސީ ބުނީ އެމެރިކާ ޑިޕްލޮމޭޓް އެނބުރި ގައުމަށް ދިޔައިރު އޭނާ ހުރީ ނޭފަތް ހަލާކުވެ، އެއް ލޮލަށް ލޭ އަރާފައި ކަމަށެވެ.

ނިއުޒީލޭންޑްގެ ފޮރިން މިނިސްޓްރީން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގައި ތިބޭ ހުރިހާ ޑިޕްލޮމޭޓުން ވެސް އެގައުމުގެ ގާނޫނުތަކަށް ތަބާ ވުމަށާއި ސީރިއަސް ކުށެއްގެ ތުހުމަތު ކުރެވޭ ހިނދެއްގައި އިމިއުނިޓީ (ސުވާލުކޮށް ތަހުގީގު ނުކުރެވޭ ގޮތަށް ލިބިފައި އޮންނަ ހިމާޔަތް) ދޫކޮށްލަން ގޮވާލާ ކަމަށެވެ.