ދުނިޔެ

ސްވިޒަލޭންޑް ސަފީރު ޔޫއޭއީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

Mar 20, 2017

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގައި ބަހުރައިނާބެހޭ ގޮތުން ސްވިޒަލޭންޑުން ދިން ބަޔާނަކާ ދެކޮޅު ހެދުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ސްވިޒަލޭންޑްގެ ސަފީރު އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގައި ސްވިޒަލޭންޑުން ދިން ބަޔާނުގައި ބުނެފައި ވަނީ ބަހުރައިން ސަރުކާރުން ރައްޔިތުންނާމެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. ބަހުރައިންގެ އެކުވެރި އަދި އަވަށްޓެރި ޔޫއޭއީ އިން ސަފީރު ހާޒިރު ކުރުމަށް ފަހު ބުނެފަައި ވަނީ އެކަހަލަ މައްސަލަތައް ހައްލު ކުރާނީ ބަހުރައިނާއި ސްވިޒަލޭންޑާ ދެމެދު ގާއިމްކޮށްފައިވާ ގުޅުމުގެ ތެރެއިން ކަމަށެވެ.

ސަފީރު ހާޒިރުކޮށް ވާހަކަ ދެއްކުމަށް ފަހު ޔޫއޭއީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކުގެ ކަންތައްތައް ރަނގަޅުކުރަން އަޅާފައިވާ ފިޔަވަޅުތައް ވެސް ސްވިޒަލޭންޑުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ސްވިޒަލޭންޑުން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑާ ވެލެންޓިން ޒެލްވެގާ މިދިޔަ ހަފުތާގައި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަހުރައިންއަށް ގޮވާލާފައި ވަނީ އެކައުންސިލުން ކުރާ މަަސައްކަތަށް އެެއްބާރުލުން ދިނުމަށެވެ.

ބަހުރައިންގެ ބައި ގިނަ ޝިޔައީން އެގައުމުގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ތެދުވުމުން އެމީހުންނާ ދެކޮޅަށް ސަރުކާރުން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަން ފަށާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސަައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ބަހުރައިން ސަރުކާރުން ވަނީ ޝިޔައީ އެކްޓިވިސްްޓުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅައި، އެމީހުންގެ ލީޑަރެއްގެ ރަށްވެހިކަން ވެސް ނަގާފައެވެެ. ބަހުރައިން ސަރުކާރުން ބުނެފައި ވަނީ އެގައުމުން ފިޔަވަޅު އަޅާފައި ވާނީ ހަމަނުޖެހުންތައް ހިންގާ މީހުންނާ ދެކޮޅަށް ކަމަށެވެ.