ލައިފްސްޓައިލް

ސިމޭން: ހިތުގެ ބަލީގެ ރޭޓް އެންމެ ދަށް ގަބީލާ

އެމޭޒޮން ޖަންގަލީގައި ދިރިއުޅޭ ސިމޭން ޓްރައިބް އަކީ ދިރާސާތަކުން ދައްކާގޮތުގައި އެންމެ ދުޅަހެޔޮ ހިތް ލިބިފައިވާ ލިމީހުންނެވެ. އެ މީހުން ގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އެހީގައި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ސިމޭން ޓްރައިބްގެ 700 މީހުންގެ މެދުގައި "ދި ލޭންސެޓް" މެގެޒިން އިން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި އެ ޓްރައިބްގެ ކޮންމެ 10 މީހަކުން ނުވަމީހުންގެ ހިތުގެ ލޭ ނާރުތައް ސާފުވެފައި ސިއްހަތު ރަނގަޅެވެ. އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ލޯންގް ބީޗް މެމޯރިއަލް މެޑިކަލް ސެންޓަރުން ރިސާޗަރެއް ހެދި ދިރާސާއަކުން ހާމަވާގޮތުގައި އެ ޓްރައިބްގެ 80 އަހަރު މީހެއްގެ ހިތުގެ ނާރުތަކާއި އެމެރިކާގެ ދެބައިއުމުރު މީހެއްގެ ނާރުތަކާ އަޅާކިޔާލެވެ އެވެ.

އެމެޒޯން ޖަންގަލީގައި ގަދީމީ ދިރިއުޅުމެއް އުޅެމުން އަންނަ ސިމޭން ގަބީލާގެ މީހުންގެ ކެއުން ބިނާވެފަވަނީ ވަލު ޖަނަވާރުން ޝިކާރަ ކޮށްގެން އަދި މޭވާއާއި ގޮވާން ހައްދައިގެން އަމިއްލައަށް ހޯދާ ކާނާގެ މައްޗަށެވެ. އަދި އެ މީހުން ކައި އުޅޭ ކެއުމުގައި ފައިބާ ގިނަވެފައި ފެޓް އާއި ހަކުރުގެ މިންވަރު ވަރަށް ދަށެވެ. ހަކުރާއި ފެޓް ކާކާނާގައި ގިނަ ވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

މި ގަބީލާގެ މީހުން ހިތުގެ ބަލިޖެހޭ ރޭޓް މަތި ގައުމުތަކުގެ މީހުނާ ހިލާފަށް ގިނައިން ހެލިފެލިވެ ބުރަ މަސައްކަތް ތަކުގައި ދުވަސް ހޭދަކުރެ އެވެ. ހިތުގެ ބަލިތަށް ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ބުރަ މަސައްކަތަކުގައި ޝާމިލް ނުވެ އުޅުމުން ހިތުގެ ނާރުތައް ހަރުވެ ހިތުގެ ބަލިތަކަށް މަގުފަހި ކޮށްދެއެވެ.

އަމިއްލަ އަށް ޝިކާރަކޮށް ނުވަތަ ދަނޑުގޮވާން ކޮއްގެން ދިރިއުޅުމަކީ އަދުގެ ދުނިޔޭގައި ފަސޭހައިން ކުރެވޭނެ ކަމެށް ނޫނެވެ. ނަމަވެސް އެ މީހުން ގެ ދިރިޅުމުން ފިލާވަޅެއް ހޯދައި ރަނގަޅުކާނާ ކައި ކަސްރަތު ކުރުމުން ހިތުގެ ބަލިތައް ޖެހޭ ރޭޓް ދަށް ކުރެވި ދާނެ އެވެ.