ލައިފްސްޓައިލް

ޖައްވީ ކާގޯ އުޅަނދު ޑްރެގަން އެނބުރި ދުނިޔެއަށް

ޖައްވީ ދިރާސާތަކަށް ބޭނުންވާ ގިނަ ތަކެއްޗާއެކު ސްޕޭސް އެކްސްގެ ޖައްވީ އުޅަނދު، ޑްރެގަން އަނބުރާ ދުނިޔެއަށް އަތުވެއްޖެ އެވެ.

އިއްޔެ ގެ ވަގުތެއްގައި ކެލިފޯނިއާގެ ބާޖާއާ ކައިރި ކަނޑުގެ ސަރަހައްދަށް މި އުޅަނދު ޖައްސާފައިވަނީ ދިރާސާ ތަކަށް ބޭނުންވާ ސާމްޕަލް ތަކާއި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ކުރީގައި ބޭނުން ކުރަމުން ދިޔަ އާލަތް ތަކާއެކު ދެ ޓަނަށްވުރެ ގިނަ މުދަލާވެސް އެކުގަ އެވެ.

ޖައްވީ ސްޓޭޝަނަށް މުދާ އުފުލާ މި އުޅަނދު ތަކެތި ހިފައިގެން ސްޕޭސް ސްޓޭޝަނަށް ދަތުރުކުރީ ފެބްރުއަރީ 19 ވަނަ ދުހު ސްޕޭސް އެކްސްގެ "ފަލްކޮން ނުވައެއް" ރޮކެޓްގެ އެހީއާއެކުގަ އެވެ. މި އުޅަނދު ޖައްވަށް ދަތުރުކުރީ 2500 ކިލޯގެ މުދަލާއެކު އެވެ. އާންމު ގޮތެއްގައި ސްޕޭސް ސްޓޭޝަނަށް މުދާފޮނުވަން ބޭނުންކުރަމުން އަންނަ އުޅަނދު ތަކާއި ހިލާފަށް ޑްރެގަން ގައި ހިމަނާފައިވާ ހީޓް ޝީލްޑްގެ އެހީގައި އެ ސްޓޭޝަނުން އަނބުރާ ދުނިޔެއަށް މުދާ ފޮނުވުމުގެ ގާބިލް ކަން އެ އުޅަނދައް ލިބިފައިވެ އެވެ.

ފަސްގަޑިއިރުގެ ދަތުރަކަށް ފަހު މި އުޅަނދު އަނބުރާ ދުނިޔެއަށް ޖައްސާފައި ވަނީ ރޭގެ ވަގުތެއްގައި ކަން ކަށަވަރު ކޮއްދެމުން ރޭގެ 7:48 ގައި ސްޕޭސް އެކްސް އިން ވަނީ ޓްވީޓްވެސް ކޮށްފަ އެވެ.

މިއީ ސްޕޭސް އެކްސް އާއި އެމެރިކާގެ ނޭޝަނަލް ސްޕޭސް އެޖެންސީ (ނާސާ) އާއި މެދު ވެފައިވާ މުދާ އުފުލުމުގެ ކޮންޓްރެކްޓް ގެ ދަށުން ކުރި މިފަދަ 10 ވަނަ ދަތުރެވެ.