ރައީސް އަބްދުﷲ ޔާމީން

ތަރިކަ މަޝްރޫއަށް އެއްބާރުލުން ދޭން ރައީސް އިލްތިމާސް ކުރައްވައިފި

Mar 20, 2017

ދިވެހީންގެ މެދުގައި އިސްލާމީ ވަހުދަތާއި، ގައުމީ ރޫހު އުފައްދައި އާލާކުރަން ފެށި "ތަރިކަ" މަޝްރޫއަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ތަރިކަ މަޝްރޫއުގެ މަސައްކަތްތައް ރާވަނީ ފަންނީ ކޮމިޓީން ކަމަށާއި، ފަންނީ ކޮމިޓީން އަންގާ ކަންތައްތައް ހިންގުމުގައި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި، ކުރިއަށް ރާއްވަވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫއާ ގުޅުވައިލެވޭނެ ކަންތައްތައް، މި މަޝްރޫއާ ގުޅުވައިލައިގެން ކުރަމުން ގެންދިއުމަށާއި މި މަޝްރޫއުގެ އިދާރީ ކޮމިޓީން އެދޭ ކަންކަމުގައި ވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާ ކަމަށެވެ.

މި މަޝްރޫއުގެ ކަންކަން ހިންގަން އިދާރީ ކޮމިޓީއަކާއި ފަންނީ ކޮމިޓީއެއްވަނީ އުފައްދަވާފަ އެވެ.

ތަރިކަ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.