ވިޔަފާރި

ލަގްޒަރީ އުޅަނދުން ޑިއުޓީ ކަނޑާލުން: ވަޑިންނަށް އޮތް ކަންބޮޑުވުމެއް

Mar 25, 2015

ރާއްޖޭގެ ޓޫރިޒަމް ބޭނުމަށް ގެންނަ ލަގްޒަރީ އުޅަނދު ފަހަރުތަކުން މިހާރު 25 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ. މިގޮތަށް ބޭރުން ގެންނަ އުޅަނދު ފަހަރުން ޑިއުޓީ ނެގުން ވެގެން ދަނީ ރާއްޖޭގެ މަސައްކަތްތެރިންނަށް ލިބޭ ހިތްވަރަކަށެވެ. ހާއްސަކޮށް ބިޔަ އުޅަނދު ފަހަރު ބަންނަ ވަޑިންގެ މަސައްކަތައް އޮތް ކުރިއެރުމަކަށެވެ. ސަބަބަކީ ރާއްޖޭގައި ޓޫރިޒަމަށް ލަގްޒަރީ އުޅަނދު ފަހަރު ބަންނަމުން ދިއުމެވެ. މިހެން މިކަން އޮއްވައި ކުރިން ނެގި ޑިއުޓީ އަންނަ މަހު އެކަކުން ފެށިގެން ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ނިންމުމާއެކު އަންނާނީ ކޮން ބަދަލެއް ބާ އެވެ؟ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"ލަގްޒަރީ އުޅަނދު ފަހަރުން ޑިއުޓީ ކަނޑާލުމަކީ ރާއްޖޭގެ މަސައްކަތްތެރިންނަށް ލިބޭނެ ގެއްލުމެއް،" ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމްގެ ރައީސް އަހުމަދު ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ޓޫރިޒަމްގައި ބޭނުންކުރާ ގިނަ އުޅަނދު ފަހަރު ބަންނަނީ ރާއްޖޭގަ އެވެ. ހާއްސަކޮށް ޓޫރިޒަމްގައި ބޭނުންކުރާ ގިނަ ލަގްޒަރީ ސަފާރީ އުޅަނދު ފަހަރަކީ ރާއްޖޭގެ ވަޑިންގެ މަސައްކަތެވެ. ދިވެހިންގެ މަސައްކަތެވެ. މިސާލެއްގެ ގޮތުން ބަލާނަމަ ރާއްޖޭގެ އެންމެ ފުރިހަމަ އެއް ލަގްޒަރީ ސަފާރީ ކަމަށްވާ "ދާއިންކަނބާ" ސަފާރީއަށް ބަލަމާ ހިނގާށެވެ.

މި އުޅަނދަކީ ރާއްޖޭގައި ބަނދެފައިވާ އުޅަނދެކެވެ. ދިވެހިންގެ މަސައްކަތެވެ. މިއަށްވުރެ ވަކިން ރީތި، ލަގްޒަރީ އުޅަނދެއް މި ސަރަހައްދުގައި ވެސް މަދުވާނެ އެވެ. ނަމަވެސް މިފަދަ އުޅަނދު ފަހަރު ރާއްޖޭގައި ބަންނަމުން ދަނިކޮށް ރާއްޖޭން ބޭރުން ޑިއުޓީއެއް ނެތި ހިލޭ މިފަދަ އުޅަނދު ފަހަރު އެތެރެ ކުރެވޭނެ މަގުތައް ފެންނަން ފަށައިފިނަމަ އެކަން ވާނީ ބޮޑު ގެއްލުމަށެވެ. މިކަމުގެ ސަބަބުން ދިވެހިންގެ މަސައްކަތްތެރިކަމަށް އަސަރު ކުރާނެ އެވެ.

އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތުގައި އުޅޭ ވަޑިއަކު ނަން ނުޖެހުމަށް އެދި ބުނީ ރާއްޖެއަށް އެތެރެކުރާ، ޓޫރިޒަމްގައި ބޭނުންކުރާ ލަގްޒަރީ އުޅަނދު ފަހަރުން ޑިއުޓީ ކަނޑާލުމުން ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.

"މިކަމުން މަސައްކަތް ލިބުން ދަތިވުމުގެ ބިރު އެބައޮތް. މިހާރު ވެސް ފައިބަރާއި ލަކުޑިން ޑިއުޓީ ނަގާ. މީގެ ސަބަބުން މަސައްކަތް ކުރުމަށް ގިނަ ދަތިތަކާ ކުރިމަތިވޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖޭގައި ވަޑާމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ ނެގުމުގެ އިތުރުން މިފަދަ އުޅަނދު ފަހަރުގައި ބޭނުންކުރާ އިންޖީނުންވެސް ޑިއުޓީ ނަގަ އެވެ. އަދި މީގެ އިތުރުން ދައްކަން ޖެހޭ ޓެކުހެއް ވެސް ދިވެހި މަސައްކަތްތެރިން ދައްކަ އެވެ.

ޓޫރިޒަމް ބޭނުންތަކަށް ގެންނަ ލަގްޒަރީ އުޅަނދު ފަހަރުން ޑިއުޓީ ކަނޑާލަން ނިންމިއިރު، "ލަގްޒަރީ" އުޅަނދު ފަހަރަކީ ކޮބައި ކަމެއް ބުނެދީފަ އެއް ނުވެ އެވެ. އެހެންކަމުން ލަގްޒަރީ އުޅަނދު ފަހަރަކީ ކޮބައިކަން ސާފުކޮށް އެނގެން ޖެހެ އެވެ. ޓޫރިޒަމަށް ގެންނަ ލަގްޒަރީ އުޅަނދު ފަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ރީތި ސަފާރީތައް ހިމެނޭނެ ހެއްޔެވެ؟ ނުވަތަ މި ކެޓަގަރީގައި ހިމެނީ ކްރޫޒްލައިނާ ވަރުގެ ބިޔަ އުޅަނދު ފަހަރުތައް ހެއްޔެވެ؟ މި ހުރީ ހައްތާވެސް ސުވާލެވެ. މިފަދަ އުޅަނދު ފަހަރުން ޑިއުޓީ ނުނަގާނަމަ ވަރަށް ސާފުކޮށް "ލަގްޒަރީ" އުޅަނދު ފަހަރު އެނގެން ޖެހެ އެވެ. ނޫންނަމަ "ކޮންމެ އުޅަނދެއް" ގެނެސްފައި މި އުޅަނދަކީ ޓޫރިޒަމަށް ގެނައި ލަގްޒަރީ އުޅަނދެއް ކަމަށް ބުނުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.

އެހެން ވެއްޖެނަމަ ދިވެހިންގެ ޒަމާންވީ މާވަޑިކަމުގެ ސިފަ ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ޓޫރިޒަމަށް ގެންނަ ލަގްޒަރީ އުޅަނދު ފަހަރުން ކުރިން ނެގި 25 ޕަސެންޓުގެ ޑިއުޓީ ކަނޑާލާއިރު މިހުރީ ވިސްނަން ޖެހޭ ކަންކަމެވެ. މި ބަދަލުގެ ސަބަބުން ދެން ވާނެ ގޮތަކާއެކު މެދު ވިސްނާލަން ޖެހެ އެވެ.