ދުނިޔެ

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދީ ރޮނގު އަލުން ހުޅުވަނީ

Mar 21, 2017

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ވަގުތުން ހުޅުވަން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފު އަމުރު ކުރައްވައިފި އެވެ.

ހިޔާލުތަފާތުވުން ބޮޑު އެ ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު އިއްޔެގައި ހުޅުވަން ނަވާޒް ޝަރީފު އަމުރު ކުރައްވާފައި މިވަނީ އެރޮނގު ބަންދުކޮށްފައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. އެކަމަށް އަމުރު ކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ އެއީ ހިތްހެޔޮކަން ފާޅުކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ޕާކިސްތާނުން ބަންދުކުރީ ޕާކިސްތާނަށް އަމާޒުވި ހަމަލާތަކެއް ފޮނުވާލާފައި ވަނީ އަފްޣާނިސްތާނު ތެރެއިން ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ހަނގުރާމަވެރިން ހުއްޓުވަން ފިޔަވަޅު ނާޅާ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތު ކުރާ އެ ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު ބަންދު ކުރުމުން ދެފަރާތުގައި ވެސް ގިނަ ބަޔަކު ވިއްސިވިހާލި ވެފައި ތިއްބެވެ. އެގޮތުން ތިބި މީހުން ސަރަހައްދީ ރޮނގު ހުރަސްކުރީ ރޮނގު ހުރަސްކުރާ ދެ މަގެއް ޕާކިސްތާނުން މިމަހު ކުރީކޮޅު ދެދުވަހަށް ހުޅުވައިލުމުންނެވެ. އެ ދެ މަގު އޭރު ދެދުވަހަށް ހުޅުވައިލުމުން އަފްޣާނިސްތާނުގެ 50000 މީހުން އެމީހުންގެ ގައުމަށް ދިޔައެވެ. އަދި ޕާކިސްތާނުގެ 6000 ނުވަތަ 7000 މީހުން ވެސް އެމީހުންގެ ގައުމަށް ދިޔައެވެ.

ޕާކިސްތާނުގައި ހުރި ބީބީސީގެ ނޫސްވެރިޔާއާ ހަވާލާދީ އެ އެޖެންސީން ބުނީ ސަރަހައްދީ ރޮނގު ހުޅުވައިލަން ނަވާޒް ޝަރީފު އަމުރު ކުރެއްވި ނަމަވެސް އިއްޔެ ވަރަށް ލަސް ވީ އިރުވެސް ހުޅުވާފައި ނުވާ ކަމަށެވެ. އަދި ބުނީ ހުޅުވާނެ ކަމަށް ބެލެވެނީ މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.