ނޫސްވެރިންނަށާއި އިދިކޮޅު މީހުންނަށް ހަމަލާދިނުމަށް ހާއްސަ އަސްކަރީ ސިއްރު ގްރޫޕެއް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮށްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ ގެންގުޅުއްވި ކަމަށް އެގައުމުގެ ކްރައިމް އިންވެސްޓިގޭޝަންްސް ޑިޕާޓްމަންޓް (ސީއައިޑީ) އިން ބުނެފި އެވެ.
ސީއައިޑީ އިން ގޮތަބަޔާގެ މައްޗަށް އެ ތުހުމަތު ކުރީ 2009 ވަނަ އަހަރު ލަންކާގެ މަޝްހޫރު ނޫސްވެރިއަކު މަރައިލި މައްސަލައިގައި މައުންޓް ލެވިނިއާގެ މެޖިސްޓްރޭޓް ކޯޓްގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައެވެ. އިއްޔެގެ އަޑު އެހުމުގައި ސީއައިޑީން ބުނެފައި ވަނީ ނޫސްވެރިޔާ ލަސަންތަ ވިކްރަމަ ތުންގާ މަރާލީ ނޫސްވެރިންނަށާއި އިދިކޮޅު މީހުންނަށް ހަމަލާ ދިނުމަށް ހާއްސަކޮށްގެން ހިންގަމުން ދިޔަ ސިފަިއންގެ ސިއްރު ޔުނިޓަކުން ކަމަށެވެ. އަދި ބުނެފައި ވަނީ އެ ޔުނިޓް ހިންގަމުން ދިޔައީ ލަންކާގެ ސިފައިންގެ ޖާސޫސީ އިދާރާގެ އޭރުގެ ވެރިޔާ ޖެނެރަލް ކަޕިލަ ހެންދަވިތަރަނަގެ ބެއްލެވުމުގެ ދަށުން ކަމަށާއި އެ ޔުނިޓް ހިންގަމުން ދިޔައީ އޭރުގެ ޑިފެންސް މިނިސްޓަރު ގޮތަބަޔާ ރާޖަޕަކްސާ އަންގަވާ ގޮތަށް ކަމަށެވެ.
ލަސަންތާ މަރާލީ އެ ގްރޫޕުން ކަން އެނގުނީ ލަންކާގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ޝަރަތު ފޮންސެކާއާ ސުވާލު ކުރުމުން އޭނާ ދެއްވި ޖަވާބުތަކުން ކަމަށް ސީއައިޑީން ކޯޓްގައި ބުންޏެވެ.
ލަސަންތާ މަރާލީ މައުންޓް ލެވިނިއާގައިވާ އޭނާގެ އޮފީހަށް ދިޔަ މަގުމަތީގައި 2009 ވަނަ އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހުއެވެ. އޭނާއަށް ހަމަލާދިނީ ހަތަރު މީހަކުވެގެންނެވެ. އޭނާ މަރުވީ ބަޑީގެ ވަޒަން އަރައިގެން ކަމަށް ލަންކާ ސަރުކާރުން އޭރު ބުނި ނަމަވެސް އެއީ ދޮގެއް ކަން ފަހުން ވަނީ ފަޅާ އަރާފައެވެ. ފަހުން އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ތޫނު އެއްޗެއް އޭނާގެ ބޮލަށް ހަރައިލުމުގެ ސަބަބުންނެވެ.
އިއްޔެގެ އަޑުއެހުމަށް ފަހު ލަންކާ ފުލުހުން އޭއެފްޕީއަށް ބުނެފައި ވަނީ ލަސަންތަ މަރައިލި މައްސަލައާ ގުޅިގެން ސިފައިންގެ ޖާސޫސީ ފަސް އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު މީހުން ހައްޔަރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. - ކޮލަމްބޯ ޕޭޖް