ދުނިޔެ

ސައުދީ މީހަކަށް އަޅެއްގެ ގޮތު ވިއްކި އިންޑިއާ އަންހެނަކު ސަލާމަތްކޮށްފި

ވަޒީފާ ދޭނެ ކަމަށް ބުނެ ޔްނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ގެ ވެރިރަށް ދުބާއީއަށް ގެންދިޔަ އިންޑިއާ އަންހެނަކު ސައުދީ މީހަަކަށް އަޅެއްގެ ގޮތުގައި ވިއްކާލާފައި ވަނިކޮށް އޭނާ ސަލާމަތްކޮށްގެން އިންޑިއާއަށް އަނބުރާ ގެންގޮސްފިއެވެ.

އިންޑިއާގެ ސްޓޭޓް މިނިސްޓަރަކާ ހަވާލާދީ ރޮއިޓާސް ބުނީ ގުޖުރާތު ސްޓޭޓްގެ ރަށަކަށް ނިސްބަތްވާ އެ އަންހެންމީހާ މީގެ އަހަރެއްހާ ދުވަސް ކުރިން ދުބާއީއަށް ދިޔައީ މުސާރައަށް މަހަކު 600 ޑޮލަރު ( 40000 އިންޑިއާ ރުޕީސް) ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ. ނަމަވެސް ދުބާއީން އޭނާއާ ހަވާލުވި މީހުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އުޅޭ އެހެން މީހަކަށް އޭނާ ވިއްކާލީ ކަމަށާއި އެމީހާ ތަކުރާރުކޮށް އެތައް ފަހަރު އަންހެންމީހާ ރޭޕްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ.

އާދީއްތަ ދުވަހު އިންޑިއާއަށް އަނބުރާ ގެނައުމަށް ފަހު އޭނާއަށް މިހާރު އަންނަނީ ގުޖުރާތުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. އޭނާ ޔޫއޭއީއަަށް ފޮނުވި ކަމުގެ ތުހުމަތަށް އިންޑިއާ ފުލުހުން މިހާރު ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީންނެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ގުޖުރާތުގެ ރަށަކުންނެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް މަަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ނަހަމަ ގޮތުގައި ގަލްފުގެ ގައުމުތަކަށް އިންޑިއާގެ އެންމެ ގިނަ ބަޔަކު ގެންދަނީ އެގަައުމުގެ ދެކުނުގެ ސްޓޭޓްތައް ކަމަށްވާ ކެރެލާ، ޓެމިލްނާޑޫ، އަންދުރަޕްރަދޭޝް އަދި ތެލަންގާނާއިން ކަމަށެވެ. އިންސާނީ ވަގުފާރި ހިންގާ މީހުން ހޯދައި ހައްޔަރުކުރަން އެ ސަރަހައްދުތަކުގައި އިންޑިއާ ފުލުހުން މިހާރު ވަނީ ބޮޑު ތަހުގީގެއް ފަށާފައެވެ.