ހަބަރު

ނުކުޅެދުންތެރި ފަރާތަކަށް ފެނާއި ކަރަންޓު ސަބްސިޑީ ދޭން ހުށަހަޅައިފި

Mar 21, 2017
2

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަރަންޓާއި ފެނުގެ ސަބްސިޑީގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަަސީމް އެވެ.

މިފަދަ ގިނަ ބިލްތަކެއް މީގެ ކުރިން ވެސް މަޖިލީހަށް ހުށަހެޅުއްވި ފައިސަލްގެ މި ބިލްގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ފެން ބިލަށް މަހަކު 1،000 ރުފިޔާ އަދި ކަރަންޓު ބިލަށް މަހަކު 1،000 ރުފިޔާގެ ރޭޓުން 2،000 ރުފިޔާގެ ސަބްސިޑީއެއް ހަމަޖައްސައިދިނުމަށެވެ. އަދި އިނާޔަތް ދިނުމުގައި އެއް ފަރާތަކަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެ ގޭބިސީއެެއްގައި އުޅޭނަމަ އެ ގޭބިސީއަކަށް ކޮންމެ ފަރާތަކަށް ކަރަންޓު ބިލަށް 500 ރުފިޔާ އަދި ފެން ބިލަށް 500 ރުފިޔާ ސަބްސިޑީގެ ގޮތުގައި އިތުރުވާނެ ގޮތް ހެދުމަށެވެ.

ސަބްސިޑީ ހަމަޖައްސައިދޭން ޖެހެނީ ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތިުގެ ބެލެނިވެރިޔާއަށް އާމްދަނީ މަހަކު 25،000 ރުފިޔާ އަށް ވުރެ އިތުރުނުވާނަމަ އެވެ.

ބިލްގެ މަގުސަދު ކަމަށް އިސްލާހުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތްތަކުގެ އާއިލާތަކަކީ މަދު އާމްދަނީއެއް ލިބޭ އާއިލާތަކެއް ކަމަށްވުމުން އެ އާއިލާތަކަށް ލުއި ފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް އިތުރަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ފައިސަލް މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ސްކޫލް ފީތައް ސަރުކާރުން ދައްކައިދޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް ތާއީދު ނުލިބުމުން އެ ބިލް ފާހެއް ނުވެ އެވެ.