ހަބަރު

މާލެ-ހުޅުމާލޭ ފެން ވިއުގައިގެ ހޮޅިލައިން ޑިޒައިން ކުރަން ފަށައިފި

މާލޭ އާއި ހުޅުމާލޭ ފެނުގެ ވިއުގަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު މެދުވެރިކޮށް ގުޅާލުމުގެ ހޮޅިލައިން ޑިޒައިންކުރުމުގެ މަސައްކަތް ފަށައިފި އެވެ. ގައުމީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ އެ މަސައްކަތް ކުރަނީ ޗައިނާ ސީ ސީ ސީ ސެކަންޑް ހާބާ އެންޖިނިއަރިން އާ ގުޅިގެނެވެ. އެ ކުންފުންޏަކީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ކުރާ ކުންފުންޏެވެ.

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅުވައިގެން އެމްޑަބްލިޔޫއެސްސީއިން ނެރުނު ސަޕްލިމެންޓެއްގައި އެކުންފުނިން ބުނެފައި ވަނީ އެ ކުންފުނިން އެކުލާވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލެ އާއި ހުޅުމާލޭގެ ފެން ވިއުގައިގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ބްރިޖްގެ ތެރެއިން އެ ވިއުގަ ގުޅައިލަން ބޭނުންވާ ހޮޅިލައިން ޑިޒައިން ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެކުންފުނި ބުނީ މާލޭގެ ބޮޑުތަކުރުފާނުމަގުގައި ގާއިމްކުރާ 5000 ކޮޑި މީޓަރުގެ ފެން ޕްލާންޓާއި ހަވީރީ ހިނގުމުގައި ބަހައްޓާ 2000 ކޮޑިމީޓަރގެ ފެން ޕްލާންޓުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ބުނީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމްގެ 46 މަޝްރޫއެއްގެ ތެރެއިން 80 ޕަސަންޓް މަސައްކަތް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ.

މިއަހަރު ފެނުގެ ދުވަހާ ގުޅުވައި ފެން ކުންފުނިން "ސޭވް ވޯޓާ" ގެ ނަމުގައި ކެމްޕޭނެއް ވެސް ވަނީ ފަށާފަ އެވެ. މައި ފެން ކުންފުންޏަކީ މާލެ ހިމެނޭގޮތަށް ރާއްޖޭގެ އަށް ރަށެއްގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މާޗް މަހުގެ 22 ވަނަ ދުވަހެވެ.