ރައީސް އަބްދުﷲ ޔާމީން

"ސައުދީގެ މަޝްރޫއަށް ހުރަހެއް ނޭޅޭ، މަޝްވަރާތައް އަވަހަށް ފަށާނެ"

ސައުދީ އަރަބިއްޔާ އިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށާއި އެ މަޝްރޫއުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް އަލަށް ގުޅިވަޑައިންނަވާ މެންބަރުންގެ ފޯމުތައް ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސައުދީއަށް ރާއްޖޭގެ އިސްވެރިން ކުރައްވަން ހަމަޖައްސާފައިވާ ދަތުރުފުޅުތައް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އޭގެ އިތުރުން މި އަހަރު ހައްޖުގެ އަޅުކަމަށް އެމަނިކުގާނު ސައުދީއަށް ވަޑައިންނަވާއިރު ވެސް ސައުދީ ރަސްގެފާނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އަދި ރާއްޖެ ތަރައްގީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ ކަމަށާއި މާ ލަސްތަކެއް ނުވެ އެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ރައީސް މިއަދު ޔަގީންކޮށް ދެއްވި އެވެ.

"ސައުދީ ސަރުކާރުގެ އިސްވެރިންނާއި ރަސްގެފާނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ލިބޭނެ. ދާދި ފަހުން ވަނީ އެކަމަށް ދައުވަތު ދެއްވާ މަރުހަބާ ވިދާޅުވެ މެސެޖު ވެސް ފޮނުއްވާފައި. ދިވެހިންގެ ހައްގުތަކާއި ރާއްޖެއަށް އަންނަން އުޅޭ ބިޔަ މަޝްރޫއުތަކަށް ކިތަންމެ ވަރަކަށް ބަޔަކު ހުރަސް އަޅަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅުން ރާއްޖެއަށް އިންވެސްޓްމަންޓުތައް ގެންނަން ކުރާ މަސައްކަތްތަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ފެށުނު މަސައްކަތެއް ކަމަށާއި އެކަމާ ގުޅޭގޮތުން އޭރުގެ ސިޔާސީ ލީޑަރުންނާއި ކުރީގެ ރައީސުންނާއެކު ވެސް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް 99 އަހަރަށް ރަށްތައް ދޫކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އިންވެސްޓް ކުރަން ބޭނުންވާ ފަރާތްކަަށް އެ ފުރުސަތު ދިނުމަކީ އާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބިޔަ އިންވެސްޓްމަންޓުތައް ގެނެސް އިންވެސްޓަރުންނަށް ހިމާޔަތް ދިނުމަށްޓަކައި ގާނޫނަށް ގެންނަ ބަދަލުތަކަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުން މި އުޅެނީ އެއްވެސް ތަނެއް އަމިއްލަ ކުރާކަށެއް ނޫން. ނުވަތަ ބަޔަކަށް ތަނެއް އަމިއްލަ ކޮށްދޭކަށް ފުރުސަތު ދޭކަށް ވެސް ނޫން. އަދި މި އުޅެނީ އާ ކަމެއް ކުރާކަށް ވެސް ނޫން. މިއީ ބިޔަ މަޝްރޫއުތައް ރާއްޖެއަށް އަންނާތީ އެފަދަ މަޝްރޫއުތަކަށް ރާއްޖެއިން ޖާގަ ހޯދައިދިނުމަށް ގާނޫނުން ލިބެން ޖެހޭ ހައްގާއި ރައްކާތެރިކަން ދިނުމަށް،" ރައީސް ވިދާޅުވި އެވެ.