އިތުބާރު ނެތް ކަމުގެ މައްސަލަ

އޯޑިއޯގައި އަސްލެއް ނެތް، މަސީހު މަގާމުން ދުރެއް ނުކުރެވޭނެ: އަބްދުﷲ

ލީކްވެގެން އުޅޭ އޯޑިއޯގައި އެއްވެސް އަސްލެއް ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަކީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ލީކްވެފައިވާ އޯޑިއޯއެއްގައި ވާހަކަ ދައްކަވަނީ ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންތަކެއް ކަމަށް ބުނެ މީޑިއާގައި ވަނީ ހަބަރު ފަތުރާފަ އެވެ. އެ އޯޑިއޯގައި މެންބަރު އަބްދުﷲ އަހުމަދުގެ އަޑު އިވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މެންބަރު ވިދާޅުވީ، ބަޔަކު ވާހަކަ ދައްކާ އަޑު އެ އޯޑިއޯގައި އިވުނު ނަމަވެސް އޭނާގެ އަޑެއް އެ އޯޑިއޯގައި ނީވޭނެ ކަމަށެވެ. އެއީ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ފޮޓޯ ޖަހާފައި އެބަހުރޭ، އެކަމަކު އޭގައި އަޅުގަނޑުގެ އަޑެއް ނީވޭނެ،" މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް މަސީހާ ދެކޮޅަށް ފާސް ކުރުމަކީ އިދިކޮޅު ފަރާތްތަކަށް ހުވަފެނުގައި ނޫނީ ކާމިޔާބުވާނެ ކަމެއް ނޫން ކަމަށެވެ. އަދ އެކަމަކީ ގައުމުގެ ތަރައްގީގެ ދުވެލި މަޑު ޖެއްސުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުގެ ވޯޓު ބިނާވެގެން ނުދާނެ ގައުމުގެ ބިޔަ މަޝްރޫއުތަކާއި ތަރައްގީ ހުއްޓުވޭނެ ވޯޓަކަށް، އެކަމަށް ވޯޓު ދޭ ބަޔަކު ދޭނީ ގައުމުގެ ބިޔަ މަޝްރޫއުތަކާއި ތަރައްގީ ހުއްޓުވަން، ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީގެ ސްޕީޑްގައި ބުރަކި ޖައްސަން ބޭނުންވާ ފަރާތްތައް،" މެންބަރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހުވަފެންތައް ދައްކަމުން ދިޔަ ނަމަވެސް ޕީޕީއެމްގެ ޕީޖީ ގުރޫޕް ތިބީ ވަރަށް ސާބިތުކަން މަތީ ކަމަށާއި ގައުމަށް ދެރައެއް ލިބޭފަދަ އެ ޕީޖީ ގުރޫޕުން ނުކުރާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެއް ކަމަށް ނަގާ ވޯޓް އެޖެންޑާކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. އެ ވޯޓް އަންނަ އިރު މަޖިލީހުގެ ނައިބު ރައީސް މައްޗަށް ވެސް އިތުބާރު ނެއް ކަމުގެ މައްސަލައެއް މިހާރު ވަނީ ވައްދާފަ އެވެ.