ހަބަރު

އިނގިރޭސި، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ބަޑީގެ ހަމަލާތަކެއް

Mar 22, 2017
  • ހަތަރު މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވި
  • އިމާރާތުގެ ތެރޭގައި މިނިސްޓަރު ސައީދު ހުންނެވި
  • ދިވެހި ވަފުދުގެ ހާލު ރަނގަޅު

އިނގިރޭސި ޕާލަމެންޓް ކައިރީގައި މިރޭ ދިން ޓެރަރިސްޓް ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ބީބީސީ ބުނީ ޕާލަމެންޓް ހައުސްގެ ބޭރުގައި ހުރި ފުލުހަކަށް މީހަކު ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށާއި އޭގެ ފަހުން ދިން ބަޑީގެ ހަމަލާތަކެއްގައި އިތުރު ތިން މީހުން މަރުވެ 20 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ފުލުސް މީހާއަށް ވަޅިން ހަަމަލާ ދިން މީހާ ގަޔަށް ފުލުހުން ބަޑި ޖެހުމުން ޒަހަމްވި ނަމަވެސް އޭނާ ކާރެއްގައި ފިލަން މަސައްކަތް ކުރިއެވެ. އެގޮތުން ވެސްޓްމިންސްޓާ ބްރިޖް ހުރަސް ކުރި އިރު އެ ބްރިޖްމަތީގައި ތިބި އެތައް ބައެއްގެ ގައިގައި ކާރުން ޖައްސާ ޒަހަމްކޮށްލާފައިވާ ވެއެވެ.

އިނގިރޭސި ފުލުހުން ފަހުން ބުނެފައި ވަނީ ހަމަލާ ދިން މީހާވެސް މަރުވެފައިވާ ކަމަށެވެ. އަދި ބުނީ ސަރަހައްދުގެ ކަންތައްތައް ހަމަ ޖައްސަން ކުރެވިފައިވާ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ހަމަލާގައި ބައިވެރިވީ އެކަކު ކަމަށް ބެލެވޭ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ތިބި މީހުން ބަލައި ފާސްކޮށް ރައްކާތެރި ތަންތަނަށް މީހުން ގެންދިއުމަށް ފުލުހުން ގެންދަނީ މަސައްކަތްކުރަމުންނެވެ،

މި ހަމަލާދިން ވަގުތަކީ ހައުސް އޮފް ކޮމަންސްގެ ޖަލްސާއެއް ހިނގަމުންދިޔަ ވަގުތެކެވެ. އެތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނާއި ނޫސްވެރިންނާ ހަވާލާދީ ބީބީސީން ބުނީ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ގޮތެއް ނުބަލައި ވަރަށް ގަދައަށް ބަޑިޖަހާފައިވާ ކަމަށެވެ. އެ ހަމަލާތައް ދިން އިރު އެ އިމާރާތުގައި ދިވެހި ވަފުދެއް ވެސް ތިއްބެވި އެވެ. ނަމަވެސް އެ ވަފުދުގެ އެއްވެސް ބޭފުޅަކަށް ގެއްލުމެއް ނުލިބެއެވެ. އެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިނިސްޓަރުގެ ހާލުކޮޅުވެސް ރަނގަޅެވެ.

މިނިސްޓަރު ސައީދު މިރޭ "އަވަސް"އަށް ވިދާޅުވީ، އެ ހާދިސާ ހިނގި ވަގުތު ގާނޫނު ހަދާ މަޖިލީހުގައި މިނިސްޓަރާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާންއާއެކު އިތުރު ދެ ދިވެހިން ވެސް ތިއްބެވި ކަމަށެވެ. ރާއްޖޭގެ ވަފުދުގެ އެއްވެސް ބޭފުޅަކަށް ގެއްލުމެއްވެފައިނުވާއިރު އަދިވެސް ތިއްބެވީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެތަނުން ބޭރަށް ނުކުތުމުގެ ހުއްދައެއް އަދި ނުދެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ހާދިސާ ކުށްވެރިކޮށް ޓްވީޓެއް ކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ، ހާދިސާއާ ގުޅިގެން ލަންޑަނުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލު ބަލަމުންދާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ ވެސްޓްމިންސްޓާ ސަރަހައްދު ސާފުކޮށް ގުޅިފައިވާ މަގުތައް ވެސް ބަންދުކޮށްފަ އެވެ.