ޓެރަރިޒަމް

ޓެރަރިޒަމް ހުއްޓުވަން ބޮޑު އިސްކަމެއް ދެން: ރައީސް

ޓެރަރިޒަމް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޓެރަރިޒަމަށް އިޖާބަ ދިނުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތް މިއަދު އޮތީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ހަރަކާތް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމުގައެވެ. އަދި އެންޓީއާރްޕީ އަކީ އެތައް ބައެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއް ކަމަށް ވިދާޅުވިއެވެ.

މި ޕްލޭންގައި ޓެރަރިޒަމާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި މިއަދު ބޭއްވި ހަރަކާތަކީ ނިރުބަވެރިކަމުގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވިދާޅުވީ ރާއްޖެއާއި އިނގިރޭސި ވިލާތަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ހިޔާލާއި ވިސްނުން އެއްގޮތް ދެ ގައުމު ކަމަށެވެ.

ސަރުކާރުން ބުނީ މިއަދު ފެށި މި ހަރަކާތައްފަހު، އެންޓީއާރްޕީގެ ވޯކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރާތަކާއިއެކު ހިންގޭނެ ކަމަށެވެ.