ދުނިޔެ

ލަންޑަނުގައި ދިން ހަމަލާގައި ފަސް މީހުން މަރުވެ 40 މީހުން ޒަހަމްވި

Mar 23, 2017

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި އިއްޔެ މެންދުރުފަހު ދިން ޓެރަރިސްޓް ހަމަލާގައި ފަސް މީހުން މަރުވެ 40 މީހުން ޒަހަމްވި ކަމަށް އިނގިރޭސި ފުލުހުން ބުނެފި އެވެ.

އިނގިރޭސި ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ ހަމަލާދިން މީހާ ކާރެއްގައި ވެސްޓްމިންސްޓާ ބްރިޖް ހުރަސްކުރި ކަމަށާއި އެކަމުގެ ތެރޭގައި ބްރިޖް މަތީގައި ތިބި މީހުންގެ ގައިގައި ކާރުން ޖައްސައި ދެމީހަކު މަރާލައި އިތުރު އެތައް ބަޔަކު ޒަހަމްކޮށްލި ކަމަށެވެ. އަދި އެއަށް ފަހު ޕާލަމެންޓް ހައުސްގެ ބޭރުގައިވާ ޗެންޗޭނުގައި ޖައްސައި ކާރު މަޑު ކުރުމަށް ފަހު ވަޅިއެއް ހިފައިގެން ޕާލަމެންޓް ހައުސްއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އެވަގުތު އޭނާއަށް ހުރަސް އެޅި ފުލުހަކަށް ވަޅިން ހަމަލާދީ މަރައިލި ކަމަށް ވެސް ބީބީސީގެ ހަބަރުގައި ވެއެވެ.

މަރުވި ފުލުހަކީ ޕީސީ ޕާމާ ނަމަކަށް ކިޔާ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ. ޕާމާ މަރަައިލުމާއި އެކު ފުލުހުން ވަނީ ހަމަލާ ދިން މީހާ ގަޔަށް ބަޑި ޖަހައި މަރައިލާފައެވެ.

ހަމަލާދިން މީހާގެ ވަނަވަރު އިނގިރޭސި ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ހަމަލާ ދިން މީހާއަކީ ޓެރަރިޒަމާ ގުޅުން އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވީ އެ ހަމަލާ އަކީ އިނގިރޭސިންގެ އަގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށެވެ.

ހަމަލާދިން ވަގުތަކީ އނގިރޭސި ޕާލަމެންޓްގެ ޖަލްސާއެއް ކުރިއަށް ދިޔަ ވަގުތެކެވެ. ހަމަލާއާ ގުޅިގެން ޕާލަމެންޓް މެމްބަރުން ޕާލަމެންޓް ހައުސް ތެރޭގައި ހަތަރު ގަޑި އިރު ބަންދުވެގައި ތިބެން ޖެހުނެވެ.