އަންނަ މަހުން ފެށިގެން ސައިކަލުންނާއި ގާމަންޓްސް މުދަލުން ނަގަން ނިންމާފައިވާ ޑިއުޓީގެ އަގު ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.
މީގެ ކުރިން ގާމެންޓްސުން ޑިއުޓީ ނުނެގި ނަމަވެސް މިފަހުން ގާނޫނަށް ގެނައި ބަދަލާ އެކު އަންނަ މަހުގެ އެކަކުން ފެށިގެން 15 ޕަސެންޓްގެ ޑިއުޓީ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސައިކަލްގެ ޑިއުޓީ 100 ޕަސެންޓުން 150 ޕަސެންޓަށް ބޮޑު ކުރަން ވެސް ނިންމާފައިވެ އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ އެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލާއި ގާމެންޓްސް މުދަލަކީ ވަރަށް އާންމުކޮށް ބޭނުންކުރާ ތަކެތި ކަމަށްވާތީ އެ ތަކެތީގެ ޑިއުޓީ އަގު ކުޑަކުރަން ފެންނާތީ އެކަން ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި ކުޑަ ކުރާނެ މިންވަރު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ގެންނަ ލުޔަކީ މިދަނޑިވަޅަށް އެންމެ އެކަށީގެންވާ ލުޔެއް ކަމަށްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންވެ އެކަން ރޭވިފައިވާ ގޮތް ވަރަށް އަވަހަށް ހިއްސާ ކުރާނަން." ޕީޕީއެމް ޕީޖީ ގްރޫޕާ އެކު މުލިއާގޭގެ ބޭރުގައި ހުންނަވައިގެން މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެގޮތަށް ޑިއުޓީ ލުއިކުރި ނަމަވެސް ސަރުކާރަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށާއި ނަމަވެސް ސަރުކާރުން ހިންގާ އެއްވެސް ޕްރޮޖެކްޓަކަށް ހުރަސް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބަދަލުތައް ރިވައިޒް ކުރަން ސަރުކާރުން ނިންމީ އެއީ އާންމުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަކެތި ކަމަށް ވާތީ އެކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެ ބަދަލުތައް އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ކުރިން ގެންނާނެ ކަމަށެވެ.
ކާޑްގެ ބާވަތްތަކުން ވެސް ޑިއުޓީ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ފަހުން ސަރުކާރުން ނިންމާފައިވަނީ އެ ބާވަތްތަކުން ވެސް ޑިއުޓީ ނުނަގާށެވެ. ޑިއުޓީ ބޮޑުކޮށްގެން ދައުލަތަށް 900 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ލަފާކުރި އެވެ.