ލައިފްސްޓައިލް

ޕާކިސްތާނު އަންހެންވެރިންނަށް ޕިންކް ޓެކްސީ!

ޕާކިސްތާނުގެ ކަރާޗީގައި އަންހެނުންނަށް ހާއްސަ ޓެކްސީ ހިދުމަތް މިދިއަ ހަފުތާގައި ފަށައިފި އެވެ.

"ޕިންކް ޓެކްސީ" ގެ ނަމުގައި ދޭން ފެށި ޓެކްސީ ހިދުމަތަކީ އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ރަމްޒެއްގެ ގޮތުގައި ފެށި ހިދުމަތެކެވެ. މި ޓެކްސީތައް ދުއްވާނީ ވެސް އަންހެނުންނެވެ. ފޯނުން ގުޅައިގެންނާއި މެސެޖްކޮށްގެންނާއި މަގުމަތީން އަތް ނަގައިގެން ހޯދޭ މި ހިދުމަތް ފެށީ އެކަމަށް ހާއްސަ މޯބައިލް އެޕް ބޭނުން ކޮށްގެން ވެސް ހިދުމަތް ހޯދޭ ގޮތަަށެވެ.

"އަޅުގަނޑުމެންގެ ޑްރައިވަރުން ޔުނިފޯމުގެ ގޮތުގައި ލައިގެން ތިބޭނީ ކަޅު ކޯޓާއި ފިޔާތޮށި ބުރުގާ. އަދި އޭގެތެރޭގައި، ގެވެހި އަނބިންނާ، ޒުވާން އަންހެނުންނާ، ކިޔަވާ ކުދިން ވެސް ހިމެނޭނެ،" ކެބް ސާވިސްގެ ޗީފް އެގްޒެކެޓިވް އަމްބްރީން ޝެއިޚް ރޮއިޓާސްއަށް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ޕާކިސްތާނުގެ ލާހޫރުގަ އާއި، އިސްލާމްއާބާދުގައި މި ހިދުމަތް ފަށާނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކަރާޗީގެ އާބަން ރެސޯސް ސެންޓާ އަކުން ނެރެފައިވާ ރިޕޯޓެއްގައި، 55 ޕަސެންޓް އަންހެނުން، އެމީހުންނަށް ބޭރުތެރޭގައި އުޅެން ރައްކާތެރި ނޫން ކަމަށް އިހުސާސް ކުރެވޭ ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުންނަށް ޖިންސީ ފުރައްސާރަ ކުރުންތަކާ ކުރިމަތިލާން ޖެހޭކަމަށް ވެސް ބުނެފައި ވެއެވެ.