ހަބަރު

އިނގިރޭސި ޓޫރިސްޓަކު 2012 ގައި ރާއްޖޭގައި މަރުވީ ފަރުވާ ލަސްވެގެން: ކޮރޯނާ

Mar 25, 2015

އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު 2012 ވަނަ އަހަރު ރާއްޖޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވީ އޭނާ އަށް ފަރުވާ ދިނުން ލަސްވެގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް އަށް ފަހު ބުނެފި އެވެ.

ވ.އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ދިމާވި ސިއްހީ މައްސަލަތަކެއްގައި މަރުވެފައި ވަނީ މެލަނީ ސްޓޮޑާޓް، 38، އެވެ. އޭޕްރީލް 4، 2012 ގައި އޭނާ ބައި ގަޑިއެއްހާއިރުގެ ޑައިވިން ނިންމާފައި މައްޗަށް އެރުމަށް ފަހު އުނދަގޫތަކެއްވާ ކަމަށް ބުނުމުން އޭނާ އަށް ފަރުވާ ދޭން ޖެހުނު ކަމުގައި ވިޔަސް މެންދުރުފަހުގެ އެ ވަގުތު ސީޕްލޭނާއި ލޯންޗް ވެސް ފަސޭހައިން ލިބެން ނެތުމުން ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް އަންގާރަ ދުވަހު ކޮރޯނާ ކޯޓްގައި ބޭއްވި އަޑުއެހުމުގައި ބުނެފައިވެ އެވެ.

ސްޓޮޑާޓް އަށް ކުރިމަތިވީ ކޮމްޕްރެޝަން މައްސަލައެއް ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ވެސް އޭނާ އަށް ކޮމްޕްރެޝަން ޗެމްބާގައި ފަރުވާ ދީފައި ނުވާ ކަމަށް ކޯޓުގައި އިއްވި ބަޔާނުގައި ބުންޏެވެ. އެގޮތަށް އަމަލުކުރީ ސްޓޮޑާޓަށް ކޮމްޕްރެޝަން ޗެމްބާގައި ބާއްވައިގެން ފަރުވާ ދޭން ނުޖެހޭ ކަމަށް ބަލާފައި ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ އަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ކައިރީގައި އޮތް އަލިމަތާ ރިސޯޓަށް ކަމަށް އިނގިރޭސި ވިލާތުގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ސްޓޮޑާޓް ޑައިވިނަށް ގޮސް އުުޅުނު ކަމަށް ބުނެފައި ވަނީ އެމްވީ ސީ ސްޕްރިޓް ސަފާރީގަ އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭން މާލެ އަށް ފޮނުވާލީ ހާލު ގޯސްވަމުން ދާތީ، ރިސޯޓްގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. ނަމަވެސް އެކަން ވެސް ކުރެވުނީ ބަނޑޮހުން ލޯންޗެއް ގެނެސްގެންނެވެ. އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ސްޓޮޑާޓް މަރުވީ ކާޑިއެކް އެރެސްޓެއް ޖެހި އޭގެ ގަޑިއެއްހާއިރު ފަހުންނެވެ.

ރާއްޖެ އަށް އައިތާ ތިން ވަނަ އަށްވީ ދުވަހު ހިނގި ހާދިސާގައި މަރުވި ސްޓޮޑާޓަކީ ޑައިވިން ކުރުމުގެ ތަޖުރިބާ ހުރި މީހެއް ކަމަށް އޭނާ ބައްޕަ ބުނެފައިވެ އެވެ.

"ކޮމްޕްރެޝަން ޗެމްބާހުރި، ފަރުވާ ދޭން އެކަށީގެންވާ ތަނަކަށް ގެންދިއުމަށް ފަހު ވެސް އޭގައި ފަރުވާ ނުދޭން ޑޮކްޓަރު ނިންމެވީ ސްޓޮޑާޓް އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ޑައިވިނަށް ދިއުމުގެ ސަބަބުން ނޫން ކަމަށް ގަބޫލުކުރެވި އަދި ސްޓޮޑާޓްގެ ހާލު ހުރީ ޗެމްބަރުގައި ބާއްވައިގެން ފަރުވާ ދިނުމަށް އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ވެސް ބަލައިފަ އެވެ."

ސްޓޮޑާޓް މަރުވެފައި ވަނީ އޭޕްރީލް 4 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:00 އެހާއިރު އެވެ.

މަރުގެ މި ހާދިސާ އަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ޗުއްޓީ އަށް އެކި ގައުމުތަކަށް ދާއިރު އެ ތަނަކުން އިމަޖެންސީ ހާލަތުގައި ހިދުމަތްތައް ލިބެން ހުންނަ ގޮތް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.