ހަބަރު

އޭޝިއާ ޕެސިފިކްގެ މެނޭޖްމެންޓް ބައްދަލުވުމުގައި ޒެނީޝާ ބައިވެރިވެވަޑައިގެންފި

އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމެންޓް އޮފް ޝޯޝަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމްގައި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފި އެވެ.

މިމަހު 22 އިން 23 އަށް މެލޭޝިއާގެ ކުއަލާ ލަމްޕޫރް ގައި ހިންގަމުންދާ މި ބައްދަލުވުމުގެ ޝިއާރަކީ " އެންމެން ޝާމިލްވާ މުޖުތަމައުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން" އެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާއި އަންހެނުން ގެ ހައްގުތައް ކުރިއެރުވުމާއި އިޖްތިމާއީ އުފެއްދުންތެރިކަމުގެ މައްޗައް މި ބައްދަލުވުމުގައި އަލި އަޅުވާލައިފައިވެ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވެސް މިނިސްޓާ ޒެނީޝާ ބައިވެރިވެވަޑައިގަތެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ގެ ހައްގުތައް ދިފާއުކުރުމައް ކުރަމުންދާ މަސައްކަތާއި "ރަންވޭލާ" ޕްރޮގްރާމް ގެ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ކަންތައްތަކުގައި ގޮތް ނިންމާއިރު އެ ފަރާތް ތައް ބައިވެރި ކުރުން އިތުރުކުރުމުގެ މުހިންމުކަމާ މެދު އެ ކަމަނާ އަލި އަޅުވާލި އެވެ.

މި ބައްދަލުވުމަކީ މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެން، ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓާއި ޔުނެސްކޯ ގުޅިގެން ހިންގުނު ފޯރަމްއެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އިޖްތިމާއީ ދާއިރާގެ ސިޔާސަތުތައް އުފައްދާ ތަންފީޒުކުރުމުގެ މަސައްކަތް ހަރުދަނާކުރުމައްޓަކާ ކުރެވިދާނެ ކަންތަކާމެދު އެކި ގައުމުތަކުގެ ތަޖުރިބާކާރުން ގެ މެދުގައި މަޝްވަރާކުރުމެވެ.