އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މެދުތެރޭގައިވާ އެގައުމުގެ ޕާލަމެންޓް ހައުސްގެ ބޭރުގައި ބުދަދުވަހު ޓެރަރިސްޓް ހަމަލާއެއް ދިނީ އެގައުމަށް އުފަން އެގައުމުގެ ރައްޔިތެއް ކަން އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.
ލަންޑަން މެޓްރޮޕޮލިޓޭން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާދިން މީހާއަކީ އިނގިރޭސިވިލާތަށް އުފަން ޚާލިދު މަސްއޫދު ނަމަކަށް ކިޔާ އުމުރުން 52 އަހަރުގެ މީހެއް ކަމަށެވެ. އަދި ބުނެފައި ވަނީ ހަމަލާ ދިނުމާ ހަމައަށް ހިނގަމުން އައި އެއްވެސް ތަހުގީގަކާ ގުޅުމެއް ހުރި މީހެއް ނޫން ކަމަށާއި އޭނާ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަން އެނގޭ ފަދަ ޖާސޫސީ މައުލޫމާތެއް ވެސް ނެތް ކަމށެވެ.
މަސްއޫދަކީ ކެންޓް ކައުންޓީއަށް އުފަން މީހެއް ކަމަށާއި އޭނާ ދިރިއުޅެމުން އައީ މިޑްލޭންޑްސް ކައުންޓީގައި ކަމަށާއި ހަމަނުޖެހުން ހިންގުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އިނގިރޭސި ޕާލަމެންޓްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ތެރޭސާމޭ ވިދާޅުވީ މަސްއޫދަކީ ހައްދުފަހަނަ އަޅައިދިއުމުގެ ފިކުރާ އެއް އިރެއްގައި ގުޅުން އޮތް މީހެއް ކަމަށެވެ.
ލަންޑަނަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުހައި ވަނީ އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ކަމަށް އެޖަމާއަތުން މިހާރު ވަނީ ބުނެފައެވެ. އެހަަމަލާއާ ގުޅިގެން އިނގިރޭސި ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި މިހައިތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ބުދަ ދުވަހު ލަންޑަންގައި ހަމަލާގައި ހަމަލާދިން މީހާ ހިމެނޭ ގޮތުން ފަސްމީހަކު މަރުވިއެވެ. އެހަމަލާގައި 40 މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރެއިން ހަތް މީހެއްގެ ހާލުބޮޑުވެފައިވާ ކަމަށް ބީބީސީ ބުންޏެވެ.
އިނގިރޭސިފުލުހުން އިއްޔެ ބުނީ ހަމަލާދިން މީހާ ކާރެއްގައި ވެސްޓްމިންސްޓާ ބްރިޖް ހުރަސްކުރި ކަމަށާއި އެކަމުގެ ތެރޭގައި ބްރިޖް މަތީގައި ތިބި މީހުންގެ ގައިގައި ކާރުން ޖައްސައި ދެމީހަކު މަރާލައި އިތުރު އެތައް ބަޔަކު ޒަހަމްކޮށްލި ކަމަށެވެ. އަދި އެއަށް ފަހު ޕާލަމެންޓް ހައުސްގެ ބޭރުގައިވާ ޗެންޗޭނުގައި ޖައްސައި ކާރު މަޑު ކުރުމަށް ފަހު ވަޅިއެއް ހިފައިގެން ޕާލަމެންޓް ހައުސްއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އެވަގުތު އޭނާއަށް ހުރަސް އެޅި ފުލުހަކަށް ވަޅިން ހަމަލާދީ މަރައިލި ކަމަށް ވެސް ބީބީސީގެ ހަބަރުގައި ވެއެވެ.
މަރުވި ފުލުހަކީ ޕީސީ ޕާމާ ނަމަކަށް ކިޔާ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ. ޕާމާ މަރަައިލުމާއި އެކު ފުލުހުން ވަނީ ހަމަލާ ދިން މީހާ ގަޔަށް ބަޑި ޖަހައި މަރައިލާފައެވެ.
އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވީ އެ ހަމަލާ އަކީ އިނގިރޭސިންގެ އަގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށެވެ.
ހަމަލާދިން ވަގުތަކީ އނގިރޭސި ޕާލަމެންޓްގެ ޖަލްސާއެއް ކުރިއަށް ދިޔަ ވަގުތެކެވެ. ހަމަލާއާ ގުޅިގެން ޕާލަމެންޓް މެމްބަރުން ޕާލަމެންޓް ހައުސް ތެރޭގައި ހަތަރު ގަޑި އިރު ބަންދުވެގައި ތިބެން ޖެހުނެވެ.