ދުނިޔެ

މޫސަލްއަށް އެމެރިކާއިން ހަމަލާދީ 200 މީހުން މަރާލައިފި

Mar 24, 2017

އިސްލާމިކް ސްޓޭޓް ( އައިއެސް) ބަލި ކުރުމުގެ ނަމުގައި އިރާގުގެ ދެވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ މޫސަލްއަށް އެމެރިކާއިން ކެނޑިނޭޅި ދެމުންދާ ވައިގެ ހަމަލާތަކުގެ ތެެރެއިން އެންމެ ހަމަލާއެއްގައި އިއްޔެ ރޭ 200 އަށް ވުރެ ގިނަ އާއްމުން މަރާލައިފި އެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ދަ ޓެލެގްރާފް ނޫހުން އިއްޔެ ބުނީ ބުދަ ދުވަހުގެ ރޭ މޫސަލްގެ ޖަދީދާ ނަމަކަށް ކިޔާ އަވަށުން އެ ހަމަލާގައި ތިން ގެ ހަލާކުވި އިރު އެ ގެތަކުގެ ފާރުތަކުގެ ދަށުން ، ބުރާސްފަތިދުވަހުގެ ހެނދުނާ ހަމައަށް 230 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި ބުނީ އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންގެ ހަށިތައް ކަމަށެވެ.

މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ބޭރު ކުރުމަށް ކުރާ ހަނގުރާމަައިގައި އާއްމުންނަށް ހަމަލާތައް އަމާޒުވަނީ އައިއެސް އިން އިންސާނީ އައްޑަނައިގެ ގޮތުގައި އާއްމުން ބޭނުންްކުރާތީ ކަމަށް އިރާގު ސަރުކާރާއި އެމެރިކާ ސަރުކާރުން ތުމަތު ކުރެއެވެ. އިއްޔެ ރޭ ގެ ހަމަލާއާ ބެހޭ ގޮތުން އެމެރިކާއިން ބުނެފައި ވަނީ އެ ހަމަލާގައި އާއްމުން މަރުވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫސަލްގެ ހުޅަނގު ސަރަހައްދަށް އިރާގު ސިފައިން ވަންނަން ކުރާ މަސައްކަތަށް މަދަދު ކުރުމަށް އެމެރިކާ ސިފައިން އެސަރަހައްދަށް ވައިގެ ހަމަލާތައް ދެމުންދާއިރު އެ ސަރަހައްދުގައި 200000 އާއްމުން ބަންދުވެފައި އެބަތިއްބެވެ. އަދި އެމީހުން ތިބީ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ. މޫސަލް އަތުލުމަށް ކުރާ ހަނގުރާމަ އިރާގު ސިފައިން ވަރުގަދަކޮށްފައި ވާއިރު ހަނގުރާމައިން ސަލާމަތްވުމަށް އެރަށުން ދުވާލަކު 8000 އާ 12000 އާ ދެމެދުގެ އަދަދެއްގެ މީހުން ނުކުންނަ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނެއެވެ.