ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ޚުލާސާ ބަޔާން ހުށަހެޅުން މާދަމާއަށް ފަސްކޮށްފި އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުން މިރޭގެ އަޑުއެހުމުގައި ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެކަން މާދަމާއަށް ފަސްކުރީ ނާޒިމްގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.
ނާޒިމްގެ ވަކީލުން ޓީމުން ބުނީ ދައުލަތުގެ ހެކިވެރިން ދިން ހެކިބަހުގެ ރެކޯޑިން އަޑުއަހައި، ރަނގަޅަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި އެހެންވެ އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ.
އެގޮތަށް އެ ވަކީލުން އެދެން ފެށުމުން ފަނޑިޔާރުންގެ ބެންޗުގެ ވަނީ މާދަމާއާ ހަމައަށް އެ ފުރުސަތު ދީފަ އެވެ. ނަމަވެސް މާދަމާ ހަވީރު 4:00 ގައި ބާއްވާ އެ އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށަހަޅަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
ނާޒިމްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކާ މެދު ވެސް އަމަލުކޮށްފައިވަނީ އެކި އެއްޗެއްސާ މެދު އެކި އުސޫލުތަކުން ކަމަށެވެ. އެގޮތުން އެ ހަތިޔާރުތައް ތަހުގީގު ކުރި ފަރާތާ ހަވާލު ކުރުމުގަޔާއި ފޮރެންސިކް ލެބޯޓްރީއާ ހަމައަށް ފޮނުވުމުގައި ވެސް އެކި ހަތިޔާރުތައް ފޮނުވާފައި ހުރީ އެކި ގަޑިތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހަތިޔާރުތައް ތަހުލީލުކުރަން ސިފައިންނާ ހަވާލުކުރިތާ 15 މިނެޓް ތެރޭގައި އެ ތަކެތި އަނބުރާ ފުލުހުންނަށް ރައްދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި އޮތްއިރު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ އިސްވެރިންތަކެއް މަރާލަން ނާޒިމް ރާވާފައިވާ ކަމަށް ބުނާ މައުލޫމާތު ހިމެނޭ ޕެންޑްރައިވަށް އެންމެ ފަހުން މީހަކު އެކްސެސްވެފައިވަނީ ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަން އޭގެ ތަހުލީލު ރިޕޯޓުން އެނގެން އޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ ތަކެއްޗަކާ މެދު ވެސް އަމަލުކުރަން ގޮސްފައިވަނީ އާންމު އުސޫލުގެ ތެރެއިން ކަމަށެވެ.