ހަބަރު

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް ދެވަނަ ފަހަރަށް ނާޒިމް އެދުމުން ވެސް އެ ހުއްދަ ނުދިން

Mar 25, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން އޭނާގެ ފަރާތުން ދެވަނަ ފަހަރަށް އެދުނު އެދުމަށް ވެސް މިރޭ ފަނޑިޔާރުން ދެކޮޅު ހަދައިފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޭނާ ވަނީ ގޭ ބަންދުކޮށްފަ އެވެ. ކުރިން ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް އޭނާ ގޭ ބަންދަށް ބަދަލުކުރީ ވެސް އޭނާގެ ބަލި ހާލަތު ހުރިގޮތުންނެވެ.

ނާޒިމްގެ ބަލި ހާލަތު ހުރިގޮތުން އޭނާ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރު ދީފައިވާ ލިޔުމަށް ބިނާކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ނާޒިމްގެ ފަރާތުން އެދުނު އެދުމަށް ކުރިން ވެސް ފަނޑިޔާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. މިރޭގެ އަޑުއެހުން ފެށުމާ އެކު ވެސް އެކަން ނާޒިމްގެ ވަކީލުން ވަނީ ފަނޑިޔާރުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ނާޒިމްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޮކްޓަރުގެ ލިޔުމުގައި އެބައޮތް ކަމަށާއި އެހެންވެ ބޭރަށް ދިއުމުގެ ހުއްދަ ދޭން އެދޭ ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ނާޒިމަށް ރާއްޖެ ބޭރަށް ދިއުމުގެ ހުއްދަ ނުދޭން ކުރިން ނިންމީ ވެސް ޑޮކްޓަރުގެ ލިޔުމަށް ބެލުމަށް ފަހު ކަމަށާއި އެހެންވެ އެ ހުއްދަ ދެވެން ނެތް ކަމަށެވެ. އެކަމުގައި ފަނޑިޔާރުންނަށް ކޮށްދެވޭނެ ކަމަކީ މައްސަލަ އަވަހަށް ނިންމުން ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން މިރޭގެ އަޑުއެހުމުގައި ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެކަން މާދަމާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ދެން އޮންނަ އަޑުއެހުން އޮންނާނީ މާދަމާ ހަވީރު 4:00 ގަ އެވެ.