ދުނިޔެ

އީޔޫއަށް 60 އަހަރު ފުރުން ފާހަގަ ކުރަން ލީޑަރުން ރޯމަށް

Mar 25, 2017

ޔޫރަޕްގެ ގައުމުތަކުގެ އިއްތިހާދު، "ޔޫރަޕިއަން ޔޫނިއަން" އުފެއްދިތާ 60 އަހަރު ފުން ފާހަގަކުރަން އެ އިއްތިހާދުގައި ހިމެނޭ 27 ގައުމެއްގެ ލީޑަރުން އިޓަލީގެ ވެރިރަށް ރޯމަށް ވަޑައިގެން ބައްދަލުވުމެއް ފަށައިފި އެވެ.

ބީބީސީއިން ބުނީ ޔޫރަޕްގެ ލީޑަރުން ރޯމްގައި ބާއްވަވަމުން ގެންދަވާ ބައްދަލުވުމުގައި އީޔޫ އުފެއްދި މުއާހަދާ "ރޯމް ޑެކްލަރޭޝަން" އަށް އިހުތިރާމްކުރުމުގެ ގޮތުން އާ މުއާހަދާއެއްގައި ސޮއި ކުރައްވާނެ ކަމަށެވެ. އީޔޫ އުފެއްދި މުއާހަދާގައި ސޮއިކުރީ 1957 ވަަނަ އަހަރު ރޯމްގަ އެވެ.

އީޔޫއަށް 60 އަހަރު ފުރުމުގެ އިހުތިފާލްތަކުގައި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ކުރަން ޖެހޭ ކަންތައްތައް އެކަމަނާ ފެއްޓެވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

ރޯމްގައި ބައްދަލުކުރައްވަމުން ގެންދަވާ އިރު އީޔޫ ދެމިއޮތުމަށް ތާއީދު ކުރާ މީހުންނާއި އެ ޖަމާއަތާ ދެކޮޅު މީހުން ވެސް އެރަށުގައި މުޒާހަރާތައް ކުރުމަށް ވަނީ ރާވާފައެވެ. އެ ބައްދަލުވުން ބާއްވާތީ އާއި މިދިޔަ ބުދަދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޯމްގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

ޔޫރަޕްގެ އިއްތިހާދު އުފެދުމަށް މަގު ފަހިވި މުއާހަދާ "ރޯމް ޑެކްލަރޭޝަން" އިން ފުރަތަމަ އުފެއްދީ ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ ކިޔާ ޖަމާއަތެކެވެ. މިހާރުގެ އީޔޫއަށް އެޖަމާއަތް ބަދަލުވީ އަދި ފަހުންނެވެ. އެ މުއާހަދާގައި ސޮއިކުރީ ބެލްޖިއަމް، ފްރާންސް، އިޓަލީ ، ލަގްޒަމްބާގް، ނެދަލޭންޑްސް އަދި ޖަރުމަނު (ވެސްޓް ޖާމަނީ) އެވެ.

އީޔޫއަށް 60 އަހަރު ފުރުމުގެ މުނާސަބާގައި އެމެރިކާއިން ވަނީ އެ ޖަމާއަތުގެ ގައުމުތަކަށް ތަހުނިޔާ ކިޔާފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވާހަކަފުޅު ދައްކަވާފައި ވަނީ އީޔޫއާ ދެކޮޅަށެވެ. އެގޮތުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އިތުރު ގައުމުތަކުން އެގޮތަށް އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓްރަމްޕް އޭރު ވިދާޅުވެފައި ވެއެވެ.