ދުނިޔެ

ހުސްނީ މުބާރަކު މިިނިވަންކަމާއެކު ގެއަށް!

Mar 25, 2017
2

މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކުގެ މައްޗަށް އައިސްފައިވާ ހުކުމްތައް މިސްރުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ބާތިލުކޮށްފައި ވާތީ މިސްރު ސަރުކާރުން އޭނާ މިނިވަންކޮށްފި އެވެ.

މުބާރަކްގެ ވަކީލު ފަރީދު އަލްދީބު ރޮއިޓާސް ރޮއިޓާސްއަށް އިއްޔެ ވިދާޅުވެފައި ވަނީ މުބާރަކް މިނިވަން ވެވަޑައިގެން ވެރިރަށް ގާހިރާގެ މިސްރުލް ޖަދީދު (ހެލިއޮޕޮލިސް) ނަމަކަށް ކިޔާ ސަރަހައްދުގައިވާ އޭނާގެ ގެއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި މުބާރަކަށް ތާއީދުކުރާ ހުރިހާ ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވި ކަމަށް ވެސް ވަކީލު ވިދާޅުވެފައި ވެއެވެ.

މުބާރަކް މިނިވަންވެވަޑައިގެންނެވީ ބަންދުގައި ހުންނަވާތާ ހަ އަހަރު ފަހުންނެވެ. މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓުނު ފަހުން އެކި އެކި ދައުވާތައް އޭނާ ގެ މައްޗަށް އުފުލައި، އޭނާ ބަހައްޓާފައި ވަނީ ޖަލުތަކުގަޔާއި އަސްކަރީ ހޮސްޕިޓަލްތަކުގައެވެ. އޭނާ އިއްޔެ މިނިވަން ވެވަޑައިގެންނެވި އިރު ހުންނެވީ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.

މުބާރަކް މިނިވަން ވެވަޑައިގެންނެވީ އޭނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންގެ ތެރެއިން 239 މީހުން މެރިކަމުގެ ކުށާއި ޚިޔާނާތުގެ ކުށުގައި އޭނާގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމްތައް މިސްރުގެ އެންމެ މަތީ އިސްތިއުނާފްކޯޓުން ބާތިލު ކުރުމުންނެވެ.

މިސްރުގެ އަލް މަސްރީ އަލް ޔައުމް ނޫހުން ބުނީ މުބާރަކް ގެއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އާއިލާއާއި އެކު އޭނާ ގޭގައި ހެނދުނުގެ ނާސްތާ ކުރެއްވި ކަމަށެވެ.

މިސްރުގެ ވެރިކަން ކުރެއްވި އަސްކަރީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓުމަކީ އޭރު ކުރިއަށް ދިޔަ " އަރަބި ބަހާރު" ގެ ހަރަކާތްތެރިންނަށް އުއްމީދު އާވި ހާދިސާއެކެވެ. އަރަބި ބަހާރަކީ އަރަބި ދުނިޔޭގައި ތިބި ޚުދުމުޚުތާރު ވެރިން މަގާމުން ދުރުކުރުމަށް 2011 ވަނަ އަަހަރު ފެށި މުޒާހަރާތަކެކެވެ. އެ މުޒާހަރާތައް ގާތްގަނޑަކަށް އަރަބި ހުރިހާ ގައުމެއްގައި ކުރި އިރު އެންމެ ފުރަތަމަ ވެރިކަން ބަދަލުވީ އަލްޖީރިއާގައެވެ. ދެން މިސްުރުގައެވެ. ލީބިޔާގައި މުޒާހަރާތައް ބަދަލުވީ އަހުލީ ހަނގުރާމައަކަށެވެ. އެހަނގުރާމައިގައި އެގައުމުގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލައި އޭނާ އަވަހާރަކޮށްލިއެވެ. ނަމަވެސް އެހަނގުރާމަ އަދިވެސް ނުނިމެއެވެ. ސޫރިޔާގައި ވެސް މުޒާހަރާތައް ބަދަލުވީ ހަނގުރާމައަކަށެވެ. އެހަނގުރާމަ އަދިވެސް ހިނގަމުންދާ އިރު އެގައުމުން މިލިޔަނެއްހާ މީހުން މަރުވެ، އެތައް މިލިޔަން މީހުންނެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މުބާރަކްގެ ވެރިކަން ވެއްޓުމުން މިސްރުގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިއެވެ. އެ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އިންގިލާބުކޮށްލާފައެވެ. މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވީ އެ އިންގިލާބުގެ ލީޑަރު ޢަބުދުލް ފައްތާޙު އަލް ސީސީއެވެ. މުރުސީ ހުންނެވީ ޖަލުގައެވެ. އޭނާ މެރުމަށް ވެސް މިސްރުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.