ކޮންމެ ގައުމެއްގައި ވެސް ބޭރުގެ ފަރާތްތަކަށް ނުހުޅުވޭނެ ދޮރުތަކާއި އިންތަކެއް ހުންނާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ބޭރުގެ ގައުމުތަކަށް ޖާގައެއް ނެތް ކަމަށް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ދުނިޔެއަކީ ބަވަނަވެފައިވާ ތަނެއް ކަމަށް ބުނެ، ބޭރުގެ ފަރާތްތަކުން ގައުމުގެ ދާހިލީ ކަންކަމާ ބެހުމަށް ދައުވަތު ދޭ މީހުން ރާއްޖޭގައި ވެސް އެބަ ތިބި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުރަވީ ދުވަހުން ހަދާން ކޮށްދެނީ، ރާއްޖޭން ބޭރު ބައެއްގެ ކައިރިއަށް ދާހިލީ ކަންކަން ހިފައިގެން ދިޔުމުން އެކަމުން އެ މީހުން ނާޖާއިޒު ފައިދާ ނަގައި އަންނާނީ ހިނި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ މަގުތަކުގައި ގިނައިން ދުއްވަނީ ވެސް ޖަޕާންގެ ކާރު ކަމަށެވެ. އަދި ޗަޕާނުގައި ބޭނުން ކުރަނީ ޗައިނާގެ ފޯނު ކަމަށާއި ނަމަވެސް އެ ގައުމުތަކުގެ ދާހިލީ ކަންކަމާ އެއްގައުމު އަނެއް ގައުމަށް ބެހުމުގެ ފުރުސަތު ދީނުހަދާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބަޔަކު މީހުން ހިތްހަމަ ނުޖެހިގެން އުޅެނީ، އެ ދޮރުތައް ތަންމިނަށް ހުޅުވާލަން ޖާގަ ނުދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ޒިންމާދާރު ގައުމު ދެކެ ލޯބިވާ ސަރުކާރަކުން ކުރާނެ ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގައުމަށް ހެޔޮ އެދޭ ބަޔަކު ދާހިލީ ކަންކަމަށް ހައްލު ހޯދުމަށް ބޭރުގެ ފަރާތްތަކުގެ ކިބައިން ނޭދޭނޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ގައުމެއްގައި ވެސް ނުހުޅުވޭނެ ދޮރުތަކެއް ހުންނާނެ. ގިރާ ނުކުރެވޭނެ ރޮގުތަކެއް ހުންނާނެ. އެ ދޮރުތައް ހުޅުވަން އަޅުގަނޑުމެން ބޭރުގެ ބޮޑެތި ބާރުތަކުގައި ޓަކި ދޭ ކަމީ ހިތާމަ ހުރި ކަމެއް. ވަކި ފުންނާބު އުސް މީހަކަށް ވީމައި ޝަރީއަތް ނުކުރުމަށް ބޭރުގެ އެހީތެރިކަމަށް ވެސް އެބަ ފެނޭ. އެކަމަކު އަޅުގަނޑުމެންނަށް އެފަދަ ކަންކަމަށް ބޭރުގެ ފަރާތްތަކަށް ޖާގަ ދެވޭކަށް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރަވީ ، ދުވަސް ފާހަގަ ކުރާއިރު ގައުމުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ކުށްވެރިންނަށް ދެމިގަނެވެން ގާނޫނުތަކުގައި ހުރި ބާގަނޑުތައް ބައްދައި ހިމޫން ކުރަން ޖެހިފައި ހުރި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމު ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުށްވެރިންނާ ގުޅިގެން ކުށްކުރުވާ މީހުންނާއި އެކަމުން ސަލާމަތް ވާނެ ގޮތް ކިޔައިދޭ ފަރާތްތަކެއް ވެސް އެބަތިބި ކަމަށެވެ. އަދި ކުށް ކުރުމަށް ފަހު އެ ކުށުން ރެކޭނެ ގޮތްތައް ކުށްވެރިންނަށް ބުނެދޭ ގާނޫނީ ވަކީލުން ތިބި ކަމަށާއި އެކަން ހުއްޓާލުމަށް އުމަރު އެފަދަ ފަރާތްތަކަށް ގޮވާލެއްވި އެވެ. އަދި އެއީ ގާނޫނީ ވަކީލުންގެ މަސައްކަތެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.