ދުނިޔެ

ލަންޑަންގައި ހަމަލާދިން މީހާއާ އިތުރު މީހަކު ބައިވެރިއެއް ނުވޭ

Mar 26, 2017

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި މިދިޔަ ބުދަ ދުވަހު ޓެރަރިސްޓް ހަމަލާއެއް ދީ ހަތަރުމީހުން މަރާލައި 50 މީހުން ޒަހަމްކޮށްލި މީހާ އެކަން ކޮށްފައި ވަނީ އެހެން ބަޔަކާ ބައިވެރި ނުވެ، އެކަނި ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.

އިނގިރޭސި ފުލުހުންގެ ޑެޕިއުޓީ އެސިސްޓެންޓް ކަމިޝަނާ ނީލް ބާސޫ އިއްޔެ ވިދާޅުވީ ލަންޑަންގައި ހަމަލާދިން ޚާލިދު މަސްއޫދު ނަމަކަށް ކިޔާ މީހާ އެހަމަލާ ދިން ސަބަބު ދެނެ ނުގަނެވޭ ގޮތް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ބުނީ ލަންޑަންގައި އެފަދަ އިތުރު ހަމަލާއެއް ދޭން ބަޔަކު ރާވާަފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

ޚާލިދު މަސްއޫދު ބުދަ ދުވަހު ދިން ހަމަލާގައި އޭނާ ފުރަތަމަ ކުރި ކަމަކީ ލަންޑަންގެ މެދު ތެރޭގައިވާ ވެސްޓްމިންސްޓާ ބްރިޖްގެ މަތިން ކާރެއްގައި ދަމުން އެ ބްރިޖް މަތީގައި ތިބި މީހުންގެ ގައިގައި ޖައްސައި ބަޔަކު މަރާލައި މީހުން ތަކެއް ޒަހަމްކޮށްލުމަށް ފަހު ޕާލަމެންޓް ހައުސް އަށް ވަންނަން މަސައްކަތްކޮށް، އެތަނުގައި ހުރި ފުލުހަކަށް ވަޅިން ހަމަލާދީ އޭނާ މަރައިލުމެވެ. އޭނާ ހުއްޓުވަން އިނގިރޭސި ފުލުހުން ކުރި މަސައްކަތުގައި އޭނާ ވަނީ މަރުވެފައެވެ.

މަރުވި ފުލުހަކީ ޕީސީ ޕާމާ ނަމަކަށް ކިޔާ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ.

ހަމަލާދިން ޚާލިދު މަސްއޫދަކީ އިނގިރޭސިވިލާތަށް އުފަން އެގައުމުގެ ރައްޔިތެއް ކަމަށް އިނގިރޭސިފުލުހުން ކުރިން ވަނީ ބުނެފައެވެ.

އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ވަނީ އެހަމަލާގެ ޒިންމާ އުފުލާފައެވެ. އެހަމަލާގެ ތަހުގީގަށް އިނގިރޭސިފުލުހުން ބުރާސްފަތި ދުވަހު ހަތް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފައި ވެއެވެ.